ހަބަރު

ޔާމީން ހައްޔަރު ކުރަން ކުރި އަމުރު އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމް އެމަނިކުފާނު ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެކަން ހާމަ ކުރެއްވީ އެމަނިކުފާނަށް ތާއީދު ކުރާ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

"ސަޕޯޓަރުންނަށް ދަންނަވާލަން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކުރި ހުކުމް އަޅުގަނޑުމެން ވާނީ މިއަދު ހައިކޯޓުގައި އިސްތިއުނާފުކޮށްފައި، އިރާދަކުރެއްވީއާ އެ މަސައްކަތް ކުރިޔަށް އެބަދޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް އަބުދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ކުރުމުގެ ދައުވާއެކެވެ. އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް، އެކި ފަރާތްތަކުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އިރު، އޭގެ ތެރެއިން 1 މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފަ އެވެ.

ރައީސް ޔާމީން ވަނީ އެ ދައުވާއަށް އިންކާރުކުރައްވާފައެވެ. އެހެން ނަމަވެސް ހެއްކަށް ނުފޫޒުފޯރުވަން ރައީސް ޔާމީން މަސައްކަތް ކުރައްވާކަމަށްބުނެ، ދައުލަތުން އެދިގެން އެމަނިކުފާނު މިހާރު ވަނީ މާފުށި ރިމާންޑް ޖަލުގައި ބަންދު ކުރެވިފަ އެވެ.