ހަބަރު

ރައީސް އިސްތިއުފާ ދެއްވާ، ގާސިމް ގައުމާ ހަވާލުވެ ވަޑައިގަންނަވާ: ޕީޕީއެމް، ޕީއެންސީ

Feb 19, 2019
17

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އިސްތިއުފާ ދެއްވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގައުމާ ހަވާލުވެ ވަޑައިގަތުމަށް ޕީޕީއެމް އާއި ޕީއެންސީ އިން ގޮވާލައިފި އެވެ.

ޕީޕީއެމް އާއި ކޮންގްރަސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންގްރަސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވޭތުވެދިޔަ ތިން މަސް ތެރޭގައި ގައުމު ހަމަ މަގުން ކައްސާލައިގެން ގޮސްފައިވާ ކަމަށާއި ސަރުކާރު ހިންގުމުގެ އެއްވެސް ގާބިލް ކަމެއް ރައީސް ސޯލިހުގެ ނެތް ކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތަކީ ރާއްޖެއަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ބޭނުންވާ ވަގުތު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު އެންމެ ރަނގަޅު ގޮތަކީ ރައީސް ސޯލިހު އާއި ފައިސަލް ނަސީމް އިސްތިއުފާ ދެއްވުމަށް ފަހު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަވާލައި ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގަތުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ގާސިމް ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވަން އެބަ ޖެހޭ. ގައުމު ހަމަ މަގަށް އަޅުވައިގެން ނޫނީ ދިވެހި ރައްޔިތުން ބޭނުންވާ މިސްރާބަކަށް މި ދޯނި ދަތުރެއް ނުކުރާނެ. އެކަން ކުރުމަށް އަޅުގަނޑުމެން ތާއީދު ކުރައްވަނީ ގާސިމް ރައީސްކަމުގައި ހުންނަވައިގެން ކަން މިއަދު މި ހާމަ ކުރައްވަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އިސްތިއުފާ ދެއްވައިފި ނަމަ ދެން ގައުމުގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ރައްޔިތުން މަޖިލީހުގެ ރައީސް އެވެ. މިވަގުތު އެއީ ގާސިމް އެވެ.

ފަހަކަށް އައިސް ޕީޕީއެމް އާއި ޕީއެންސީ އަންނަނީ ގާސިމްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުންނެވެ. އަދި ޖުމްހޫރީ ޕާޓީއާ ދެމެދު މަޝްވަރާތަކެއް ކުރައްވަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ބައެއް ދާއިރާތައް ޖޭޕީއަށް ދޫކޮށްލުމަށް ވެސް ޕީޕީއެމް އަދި ޕީއެންސީ ވަނީ ނިންމައިފަ އެވެ.