ކުޅިވަރު

ނިއުރޭޑިންޓްގެ ސަސްޕެންޝަން އުވާލުމަށް މިނިސްޓަރު ގޮވާލައިފި

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކޮށްފައި އޮތް އޮތުން އުވާލުމަށް، ޔޫތު، ސްޕޯޓްސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ވަހިދު އެފްއޭއެމްއަށް ގޮވާލައިފި އެވެ.

ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ، އެފްއޭއެމްއާ ދެކޮޅަށް ކުލަބުތަކުން ހުށަހެޅި ގަރާރުގައި އިސްވެ ލީޑް ކުރަން ފެށުމުން، އެ ޓީމުގެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ނުދީ ހުރުމުންނެވެ. މިއަދު ބޭއްވި ޕްރެސްކޮންފަރެންްސްގައި ވާހަކަ ދައްކަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނިއު ރޭޑިއަންޓް ސަސަޕެންޑް ކޮށްފައި ވަނީ މުސާރަ ނުދީގެ ނޫން ކަމަށާއި އެއީ އެހެން ކަމަކާ ގުޅިގެން ކަމަށެވެ.

"ކުލަބުތަކަށް މުސާރަ ނުދެވި ހުރީ އެންމެ ކުލަބެއްގައެއް ނޫން، އަޅުގަނޑަކީވެސް 2012 ވަނަ އަހަރު ން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ކުލަބެއް ހިންގުމުގައު އުޅުނު މީހެއް، އަޅުގަނޑުމެންނަށްވެސް އެނގޭ އެކަމުގައި ހުރި ބުރަކަމާ ބަރުކަން،" ނިއު ރޭޑިއަންޓްގެ އެންމެ ކާމިޔާބު ޗެއާމަންގެ ގޮތުގައި މަޝްހޫރުވި އަލީ ވަހީދު ވިދާޅުވި އެވެ. "ވަރަށް މަދު ކުލަބަކަށް މުސާރަ ދެވިފައި ހުރީ، އިތުބާރު ނެތް ކަމުގެ ވޯޓަކާ ގުޅިގެން ސަސޕެންޑްކޮށް މި ފަސްގަނޑުގައި [ރާއްޖޭގައި] އެކަން އެގޮތަކަށް ނުކުރެވޭނެ، ފީފާގެ އުސޫލުތަކުގައިވެސް ނޯންނާނެ އެގޮތަކަށް، ފެއާލީ އެކަމާ ފޭސް ކުރައްވަން ޖެހޭނެ."

އޭނާ ވިދާޅުވީ މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީމާ މެންބަރުން ހައްޔަރު ކުރުމަކީ އިންސާފުވެރި ކަަމަކަށް ނުވާނެ ކަމަށާއި މިދިޔަ ތިން އަހަރު އޭނާ މަސައްކަތް ކުރެއްވީ އެކަންކަމާ ދެކޮޅަށް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު، ޔޫތު މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެންނެވި އަލީ ވަހިދު ވިދާޅުވީ، އެފްއޭއެމް އާއި ކުލަބުތައް ހިމެނޭ ގޮތަށް އޭނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިހާރު އުފެދިފައިވާ މައްސަލައާ ގުޅިގެން އެފްއޭއެމް އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އަދި ވިކްޓަރީ ސްޕޯޓްސް ކުލަބާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

"މިވަގުތު ޔޫތު ސްޕޯޓްސް މިނިސްޓަރީގެ އެކްޓިން މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެންނެވިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ސަސްޕެންޑް ކުރެވިފައި ވަނީ ވަކިކަމަކާ ގުޅިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް، ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބުތައް ސަސްޕެންޑްވެގެން ފުޓްބޯޅައަށް އެއްވެސް ފައިދާއެއް ނެތް ކަމަށް،" އަލީ ވިދާޅުވި އެވެ. "އެހެންވެ ދެ ކަމަކަށް އަޅުގަނޑު ރިކްއެސްޓް ކުރިން، އެއީ ބަޔަކު އިތުބާރު ނެތްކަމަށް ވޯޓް ނަގަންޏާ އެކަމަށް ފޭސް ކުރުމަށް އަޅުގަނޑުމެން ވާނީ އެދިފަ، އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެކަން ކުރެވެން ޖެހޭ، އެތަނުގައި ހުންނަ ބޭފުޅެއް ކަމަށްވަންޏާ އިތުބާރު ހޯދަން ޖެހޭ."

"ކުލަބުތަކާ ތަޅާ ފޮޅާ ހިސާބަށް ގޮސްގެން އެއްވެސް ކަމެއް ނުކުރެވޭނެ، ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރެވޭނީ ސަރުކާރުގެ އިތުރުން ކުލަބުތަކާ އެސޯސިއޭޝަންތައް ގުޅިގެން، އެހެންވެ އަޅުގަނޑު އެދިފައި ވަނީ ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލައި އެ ރީއެސްޓޭޓް ކުރަން."

އެނާ ވިދާޅުވީ، ހުރިހާ ކުލަބުތަކާއި އެފްއޭއެމްއާ އެކު ބޭއްވި ބައްދަލުވުމުގައި، ސަރުކާރުން ކުޅިވަރުގެ ތެރެއަށް ނުވަންނާނެ ކަމަށް ބުނެފައިވާނެ ކަަމަށެވެ.