ހަބަރު

ވެލިދޫ ރިސޯޓްގައި އަނެއްކާ ވެސް ޓޫރިސްޓަކު މަރުވެއްޖެ

އއ. ވެލިދޫ އައިލެންޑް ރިސޯޓުން ޑައިވީނަށް ގޮސް އުޅުނު ފަތުރުވެރިއަކު މިއަދު މަރުވެއްޖެ އެވެ. މިއީ މިފަހުން އެ ރިސޯޓްގައި މަރުވި ދެ ވަނަ ޓޫރިސްޓް މީހާ އެވެ.

ޑައިވް ކުރަން އުޅެނިކޮށް ހާލު ބޮޑުވެގެން އެ މީހާ މަރުވީ، އއ. ބޮޑުފުޅަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ސީއެމްބިއުލަންސްގައި އިތުރު ފަރުވާޔަށް، އެ ފަތުރުވެރިޔާ މާލެ ގެނައި މަގުމަތީގަ އެވެ. އޭނާ މާލެ ގެނައި، މިއަދު މެންދުރު 2:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އަައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އަވަސް އަށް ވިދާޅުވީ، އެފަތުރުވެރިޔާ އިތުރު ފަރުވާ ގެނައިރުވެސް ވަނީ މަރުވެފައި ކަމަށެވެ. ފަތުރުވެރިޔާ މަރުވެފައިވަނީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ސާފު ނުވާކަމަށް ވެސް އައިޖީއެމްއެޗް އޮފިޝަލް ވިދާޅުވި އެވެ.

އެއީ ކޮން ގައުމެއްކަން ފަތުރުވެރިއެއްކަން އަދި ސާފެއް ނުވެ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ވެލިދޫ އައިލެންޑް ރިސޯޓްގައި ފަތުރުވެރިއަކު މަރުވީ މޫދަށް އެރިއުޅެނިކޮށް ގެބިގެން އެވެ. މީގެ އިތުރުން ވެސް މިފަހަކަށް އައިސް ފަތުރުވެރިން ގެބިގެން މަރުވުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން އެވެ.