ހަބަރު

މާރިޔާއަށް ހުރިހާ ޕާޓީއެއްގެ އިތުބާރު އެބަ އޮތް: އެމްޑީޕީ

ޕީޕީއެމް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، މާރިޔާއެއްކޮޅަށް މަޖިލީހުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުންވެސް ވޯޓް ދޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއަށް އެމްޑީޕީގެ އިތުބާރުއޮތްކަން ހާމަ ކުރުމަށް އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީ.ޕީ.އެމް.ގެ ފަރާތުން ކުރަމުންދާ މަސައްކަތް އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ޕީޕީއެމް އިން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއްކަމަށެވެ. އަދި ޑިފެންސްކަމުގެ މަގާމާ މާރިޔާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެމަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރައްވާފައިވަނީ ތައުރީފު ހައްގުވާ މިންވަރަކަށް ކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ނަގަހައްޓަވައި، ދިވެހި ސިފައިންގެ ގަދަރާއި ޝަރަފު އުފުއްލަވައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްޕުޅުތައް މާރިޔާ ކުރައްވާފައިވަނީ ފާހަކުރަންޖެހޭ މިންވަރަކަށް ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށްބުނެފައިވަނީ، މާރިޔާގެ މައްޗަށް އެ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި، އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން މާރިޔާގެ އިތުބާރު އޮތްކަމަށް ވޯޓުދެއްވާނެކަމަށެވެ.