ބޮލީވުޑް

އިއްޔެ ރިލީޒްކުރި ތިން ފިލްމަށްވެސް ފަނޑު ތަރުހީބެއް

Jul 4, 2015

އިއްޔެ ބޮލީވުޑްގެ ތިން ފިލްމެއް ރިލީޒްވެފައިވާއިރު، ތިން ފިލްމުވެސް ވަނީ ބެލުންތެރިންނާއި ފާޑުކިޔާފަރާތްތަކުގެ ހިތުން ޖާގަ ހޯދުމަށް ނުކުޅެދިފަ އެވެ.

“ގުއްޑޫ ރަންގީލާ" އާއި "ސެކަންޑް ހޭންޑް ހަޒްބެންޑް" އަދި "ބޭޒުބާން އިޝްކް" މިތިން ފިލްމު އިއްޔެ ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު، ތިން ފިލްމަށް ވެސް ލިބިފައިވަނީ ތާފަނާ ފެށުމެކެވެ.

އަރްޝަދް ވާސީ އާއި އަމިތް ސާދް އަދި އަދިތީ ރާއޯ ހައިދްރީ ލީޑްރޯލުން ފެނިގެންދާ "ގުއްޑޫ ރަންގީލާ" ގެ ފެށުން މިތިން ފިލްމުގެ ތެރެއިން ރަނގަޅު ކަމަށްވެ އެވެ. އެގޮތުން މިފިލްމުގެ ހެނދުު ޝޯތަކަށް ވަން މީހުން އަދަދު އަނެއް ދެފިލްމާއި އަޅާބަލާއިރު ގިނަ ކަން ފާހަގަކުރެވޭކަމަށްވެ އެވެ.

މިތިން ފިލްމުގެ ތެރެއިން ކިރިޔާވެސް ރަނގަޅު ރިވިއު އެއް ލިބިފައިވާ ފިލްމަކީ މިފިލްމަށްވުމުން، ފިލްމު ބަލަން ސިނަމަތަކަށް ވަނ މީހުންގެ އަދަދު ގިނަވީ ކަމަށް ފާހަގަކުރެވިފައިވެ އެވެ.

ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ އަންހެން ދަރިފުޅު ޓީނާ އަހޫޖާ އާއި ޕަންޖާބީ ލަަވަކިޔުންތެރިޔާ އަދި އެކްޓަރު ގިއްޕީ ގަރޭވާލް ބޮލީވުޑަށް ތައާރަަފުވި "ސެކަންޑް ހޭންޑް ހަޒްބަންޑް" އަށް ފާޑުކިޔާފަރާތްތަކުން އިންތިހާއަށް ފާޑުކިޔާފައިވާއިރު، މިފިލްމު ބަލަން ކިރިޔާވެސް މީހުން ވަދެ، ހިނގާފައިވަނީ އުތުރުގެ އަވަށްތަކުގެ އިތުރުން ޕަންޖާބުގަ އެވެ.

ގޯވިންދާ ފަދަ މޮޅު އެކްޓަރެއްގެ ދަރިއަކަށްވެފައި ޓީނާގެ އެކްޓިން ހީކުރި ވަރަށް ވުރެން ކަޑަ ކަމަށް ފާޑުކިޔފަރާތްތަކުން ބުނެފައިވާއިރު، މިފިލްމު ކުޅުމަކީ ގިއްޕީ އޭނާގެ ކެރިއަރުގައި ކުރި އެންމެ ޅަކަންތައްކަމަށްވެސް ބުނެފައިވެ އެވެ. ދަރްމެންދުރަ ވެސް މުހިންމު ރޯލުން ފެނިގެންދާ މިފިލްމުގެ މިއުޒިކް ރަނގަޅުކަމަށް ފާހަގަކޮށްފައިވާއިރު، ހެއްވާ މަޖާ ފިލްމެއް ބަލާލަން ބޭނުންނަމަ އެއްފަހަރު ނަމަވެސް މިފިލްމު ބަލާލުމަކުން ގޯހެއް ނެތްކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ސްނޭހާ އުއްލާލް އާއި މުގްދާ ގޯޑްސޭ އަދި ނިޝާންތް މަލްކާނީ ލީޑްރޯލުން ފެނިގެންދާ "ބޭޒުބާން އިޝްކް"އަކީ މިތިން ފިލްމުގެ ތެރެއިން އެންމެ ފީކަޅާ ފިލްމެވެ. ގިނަ ސިނަމާތަށް ފަޅަށް އޮތްއިރު، ސިނަމާތަކުގައި މިފިލްމު ވަނީ ބޮމެއްހެން ގޮވާފައިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ނިކުތް ފިލްމުތަކަށް މާބޮޑު ކާމިޔާބީއެއް ނުލިބި އެންމެ ފިލްމަކަށް ބްލޮކްބާސްޓާގެ ދަރަޖަ ލިިބިފައިވާއިރު، އަހަރުގެ ފަހު ހަމަސް ދުވަހުގެ ފެށުން ވެސް ވީ ބޮޑު ނާއުންމީދަކަށެވެ.

މިތިން ފިލްމަށް ލިބުނު ފިނި ތަރުހީބުން ތިން ފިލްމަށްވެސް މާރަނގަޅު އެއްޗެއް ފުރަތަމަ ދުވަހު ނުލިބޭނެ ކަމަށް ވެސް ޓްރޭޑް އެނަލިސްޓުން ވަނީ ފާހަގަކޮށްފަ އެވެ.

މިއަހަރުވެސް ނިކުންނާނެ އެންމެ ބޮޑު ފިލްމުކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" ގެ ކުރިން ރިލިޒްކުރި ތިން ފިލްމަށް ވެސް އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިގެން ގޮސްފައިނުވާއިރު، މިފިލްމާއި މެދު ބެލުންތެރިން ކުރަމުންދާ އިންތިޒާރަށް މިފިލްމުތަކުގެ ސަބަބުން ބޮޅެއް އިތުރުވީ އެވެ.