ރިޕޯޓް

ޓޯކުރާ ވެހިކަލްތައް ނައްތާލުން، ކޮން ފަދަ އިސްރާފެއް!

މުޅި ގައުމު އެއްގޯސްވެ، ދުވަހަކު އަރައިނުގަނެވެގެން އުޅޭ ސިޔާސީ ކަންތައް ގަނޑުގެ އިތުރުން، ބޮޑު ހިޔާނާތުގެ ދިގު ރިޕޯޓަށް ލޯދެމުން ދަނިކޮށް، މި ހަފްތާގެ ތެރޭގައި އާންމުކޮށް ސަމާލުކަން ނުދެވޭ ސުރުހީ އެއް ލޮލުގައި އަޅިއިގަތެވެ. ގަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯކޮށްފައިވާ ގިނަ އަދަދެއްގެ އުޅަނދު ނައްތާލަން ފުލުހުން ނިންމި ވާހަކަ އެވެ.

މި ހަބަރަކީ ދޭތެރެ ދޭތެރެއިން އަޑުއިވުނު ނަމަވެސް، ގިނަ ފަހަރު މާބޮޑު ސަމާލުކަމެއް ނުދެވޭ "ކުޑަ" ހަބަރެކެވެ. ފުލުހުން މި ފަހަރު ނައްތާލަން ނިންމާފައިވަނީ 58 ކާރާއި 180 ސައިކަލެވެ. އެ އުޅަނދުތަކަކީ ގަވައިދާ ހިލާފަށް ޕާކްކޮށްފައިވުމުގެ ސަބަބުން އެއްގަމު ދަތުރުކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދުތަކެވެ. ގާނޫނުގެ ދަށުން، އެ ވެހިކަލްތަކާއި ހަވާލުވާން ވެރިފަރާތްތަކަށް 60 ދުވަހުގެ މުހުލަތެއްދެ އެވެ. ނަމަވެސް، މިކަން 2015 ވަނަ އަހަރުން ފެށިގެން ފުލުހުން ކުރަމުން އަންނައިރު، މިވާހަކަ އިވޭ ކޮންމެ ފަހަރަކު އާންމުންގެ ތެރޭގައި ތަފާތު ޝުއޫރުތައް ބަންޑުންކޮށްލަ އެވެ. މީހުންގެ އަގުބޮޑު މުދާ ފުލުހުންނަށް ނައްތާނުލެވޭނެ ކަމަށް ބުނެ އެއް ބަޔަކު ރުޅިގަދަވާއިރު، އޭގެ އަނެއް ކޮޅުގައި ފުލުހުންނަށް ސާބަސް ދެމުންދެ އެވެ.

ނަމަވެސް، ފާއިތުވި އަހަރުތަކުގެ ތެރޭގައި އެތަކެއް ސަތޭކަ ވެހިކަލެއް ނައްތާލާފައިވާއިރު، ހިތަށް އަރަނީ އެންމެ ސުވާލެކެވެ. ކޮންމެ ގޮތަކަށް ކުރި ނަމަވެސް، މިއީ ހާދަ ބޮޑު އިސްރާފެކެވެ. ސަބަބަކީ ރާއްޖޭގައި ގިނަ ބަޔަކު އިންސްޓޯލްމަންޓަށް ސައިކަލު ނަގައިގެން އުޅޭއިރު، ފައިސާ ދައްކާ ނިމޭއިރު، ގިނަ ފަހަރު އޭގެ އަސްލު އަގުގެ ދެ ގުނަ ދައްކަންޖެހެ އެވެ. ގައުމުގެ ހާލަތަށް ބަލާއިރު، ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހޭއިރު، އޭގެ ތެރެއިން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ނުދެއްކި، ސައިކަލުގަނޑު އަނބުރާ ދޭންޖެހިފައިވާ މީހުންގެ އަދަދު މަދެއްނުވާނެކަން ކަށަވަރެވެ. ހަމައެކަނި ނުބައި ތަނެއްގައި ޕާކުކޮށްލައިގެން، ސައިކަލެއް އަނދާ އަޅިއަށްވާން ދޫކޮށްލާ މަންޒަރަކީ ނިކަމެތި ރައްޔިތު މީހާއަށް ހަގީގަތުގައި ކުރެވޭ މަލާމާތެކެވެ.

މި ނޫން ގޮތެއް ނެތް؟

ދިރިއުޅުމުގެ މިސާލު އަބަދުވެސް ދިވެހިން ނަގާ ބޭރު ގައުމުތަކުގައި، ޓޯ ކުރާ ވެހިކަލްތަކާއި މެދު އަމަލުކުރުމުގައި އެހާ "މުއްސަނދި" އުސޫލަކުން ނޫނެވެ. ބޭރުގެ ގިނަ ގައުމުތަކުގައި، ޓޯ ކުރަނީ ހުއްދަ ދެވިފައިވާ އަމިއްލަ ކުންފުނިތަކުން ކަމުން، ގާނޫނުން ލާޒިމްކުރާ މުއްދަތަށްފަހު، އެ ވެހިކަލްތައް ނީލަން ކިޔަނީ އެވެ. އެއީ، އެހާ ދިގު މުއްދަތަކަށް އެ އުޅަނދުތައް ތަނެއްގައި ބެހެއްޓުމުގެ ހަރަދު އަނބުރާ ހޯދަންޖެހޭތީ އެވެ. އަދި ނުވިކޭ ވެހިކަލްތައް ނައްތާލުމުގެ ހަރަދުވެސް ދައުލަތުން ކުރަންނުޖެހޭ ގޮތަށެވެ. މިގޮތަށް އަމަލުކުރުމުގެ ސަބަބުން، އާ ވެހިކަލެއް ގަތުމުގެ ތަނަވަސްކަން ލިބިފައިނުވާ މީހުންނަށްވެސް ފުރުސަތު ލިބިދެ އެވެ.

ދެން ކުރަންއޮތް ސުވާލަކީ، މިއީ ރާއްޖޭގައިވެސް ނަކަލު ނުކުރެވޭނެ މޮޑެލް އެއްބާވަ އެވެ. ވަކި އުސޫލެއްގެ ދަށުން، ވެހިކަލްތަކުގެ ބައިތައް ވަކިކޮށްގެން ނައްތާލަންޖެހޭއިރު، އަބަދު މަދުވެފައި އޮންނަ ރައްޔިތުންގެ ޓެކްސް ފައިސާއިން އެފަދަ ބޮޑު ހަރަދެއް ކުރުމުގެ ބޭނުމެއް ނުވިސްނޭތީ އެވެ.

ނީލަން ކިޔުމުގެ އުނދަގޫ ފަރާތް!

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ގެނެސް، ޓޯކުރެވޭ އެއްގަމު އުޅުނަދުތަކުގެ ތެރެއިން ވެރިފަރާތުން ހަވާލުނުވާ ވެހިކަލްތައް އާންމުކޮށް ހުޅުވާލެވޭ ނީލަމެއްގައި ވިއްކާލުމުގެ އުސޫލެއް އެކުލަވާލައި މިދިޔަ އޭޕްރީލް މަހު އާންމުކުރި އެވެ. އެ އުސޫލުގައި ބުނާ ގޮތުން، ޓޯކުރާ ވެހިކަލެއް ވެރިފަރާތުން ކަނޑައެޅިފައިވާ 60 ދުވަހުގެ ތެރޭގައި ހަވާލުނުވެއްޖެނަމަ، އެ އުޅަނދުގެ ރަޖިސްޓްރީ ބާތިލުކޮށް ދައުލަތަށް ނެގޭނެ އެވެ. އަދި ކޮންމެ ތިން މަހަކުން އެއް ފަހަރު ކިޔޭ ނީލަމުގައި ވިކޭ އުޅަނދުތަކުން ލިބޭ ފައިސާއިން އެ އުޅަނދަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ އުނިކުރުމަށްފަހު ބާކީ ދައުލަތުގެ އެކައުންޓަށް ޖަމާކުރެވޭނެކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، މާލެ ސަރަހައްދުން ޓޯ ކުރާ އެއްވެސް އުޅަނދެއް ވިއްކުމަށްފަހު އަލުން އަނބުރާ އެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށްދެވޭގޮތަށް ވެސް އެ އުސޫލުން ވަނީ ހަމަޖައްސައިފަ އެވެ.

މިފަހަރު ވެސް ޓޯކޮށްގެން ނައްތާލެވޭ ގިނަ ވެހިކަލްތަކަކީ ހަމަ އާ އެއްޗެހި، ހަގީގަތުގައި ދެރަވެސްވޭ އެހާ އާ އެއްޗެހިތަކެއް ނައްތާލަންޖެހޭތީ
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް

ނަމަވެސް، މިފަހުން އުފެއްދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވި ގޮތުގައި، އެ އުސޫލަށް އަމަލުކުރުމުގައި ދައުލަތަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"ދައުލަތަށް މިނެގެނީ ބައެއްގެ މުދާތަކެއް، ދެން ދައުލަތުން އެ ނީލަން ކިޔައިގެން ފައިސާ ލިބޭއިރު، އޭގެން ބައެއް ވެރިފަރާތުން ހޯދަން އުޅެފިނަމަ، ގާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުން ވަރަށް ގާތް،" އާދިލް ވިދާޅުވި އެވެ.

މިހަފްތާ ތެރޭގައި ޓޯ ކޮށްފައިވާ ވެހިކަލްތައް ނައްތާލަން ނިންމުމުގެ ކުރިން، ފުލުހުންނާއެކު ވަރަށް ދިގުކޮށް މަޝްވަރާ ކުރެވުނު ކަމަށް އާދިލް ހާމަކުރެއްވި އެވެ.

"އަޅުގަނޑުމެން ފުލުހުންނާއެކު މަޝްވަރާކޮށްފަ އެއްބަސްވެވުނީ އެ ވެހިކަލްތައް ނައްތާލުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށް، ސަބަބަކީ، ނައްތާނުލައި އެ ވެހިކަލްތައް ނީލަންކިޔައިގެން ދިމާވެދާނެ އިތުރު ގޮންޖެހުންތަކެއް ހުރިކަމަށް ފެންނާތީ،" އާދިލް ވިދާޅުވި އެވެ.

އާދިލް އިތުރަށް ވިދާޅުވި ގޮތުގައި، ޓޯ ކުރާ ވެހިކަލްތައް ނީލަން ކިޔައިގެން އަލުން އަނބުރާ މަގުތަކަށް ގެނެވި، އެ ގަންނަ ފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވޭނެ ހަރުދަނާ އޮނިގަނޑެއް ނެތުމަކީ އެކަމުގެ އެންމެ ބޮޑު މައްސަލަކަމަށެވެ.

"މިސާލަކަށް ނީލަމުގައި ސައިކަލެއް ގަންނަ ފަރާތުން، ސައިކަލުގެ ބައިތައް ވަކިކޮށް އެހެން ސައިކަލެއް ހަދައިގެން މާލެ ތެރޭގައި ދުއްވުމުގެ ދޮރު ހުޅުވޭނެ، އެފަދަ ކަންކަން ހުއްޓުވޭނެ ގޮތެއް ހޯދިގެން އެފަދަ ކަމެއް ކުރެވޭނީ، އެހެން ނޫންނަމަ އެފަދަ ވެހިކަލްތަކާއެކު މާލޭގެ މަގުތަކަށް އިތުރަށް ބާރުބޮޑުވެގެން ދާނީ،" ނީލަން ކިޔުމުން ނުކުމެދާނެ އިތުރު މައްސަލަތައް އާދިލް ފާހަގަކުރެއްވި އެވެ.

ނަމަވެސް، ޓޯ ކުރެވޭ އުޅަނދުތައް ނައްތާލުމަކީ ވަރަށް ބޮޑު އިސްރާފެއްކަމަށް އާދިލް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. "މިފަހަރު ވެސް ޓޯކޮށްގެން ނައްތާލެވޭ ގިނަ ވެހިކަލްތަކަކީ ހަމަ އާ އެއްޗެހި، ހަގީގަތުގައި ދެރަވެސްވޭ އެހާ އާ އެއްޗެހިތަކެއް ނައްތާލަންޖެހޭތީ،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ޓޯ ކުރާ އުޅަނދުތައް ނައްތާލުމުގެ ބަދަލުގައި، އެކަމުން ފައިދާއެއް ލިބޭނެގޮތަކަށް ސަރުކާރުން ދަނީ ވިސްނަމުންނެވެ. މިގޮތުން، މުސްތަގުބަލުގައި ޓޯ ކުރާ ވެހިކަލްތައް ވެމްކޯ މެދުވެރިކޮށް ބާދަނގަޑުގެ ގޮތުގައި ބޭރަށް ވިއްކުމުގެ ވިސްނުމެއްގެ ތެރެއިން މަޝްވަރާ ކުރެވެމުންދާ ކަމަށް އާދިލް ވިދާޅުވި އެވެ.

ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ރާއްޖެއަކީ ހަރު މުދާތަކެއް ހުޅުޖަހައި އަންދާލުމުގެ ތަނަވަސްކަން ލިބިގެންނުވާ ގައުމެއްކަން ޔަގީނާއި ގާތަށް ބުނަން އެނގެ އެވެ. ޓޯކުރާ އުޅަނދުތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުލިބޭއިރު، އޭގެ ބަދަލުގައި ދައުލަތުން އިތުރު ހަރަދުކޮށްގެން އެ އުޅަނދުތައް ނައްތާލުމަކީ ދެކޮޅު ނުޖެހޭ ކަމެއްކަން ކަށަވަރެވެ. ބާ އެންމެ ކުޑަމިނުން ބާދަގަނޑުގެ ގޮތުގައި ވިއްކައިގެން ނަމަވެސް، އާދިލް އެ ފާހަގަކުރެއްވީ ވެސް އެކަން ހައްލުކުރެވިދާނެ ގޮތެކެވެ. ނަމަވެސް، މިކަމުން ސާފުވާ ހަގީގަތަކީ މި ފަދަ ބޮޑު އިސްރާފެއްނުކޮށްވާނެ ގޮތެއް ވީ އެންމެ އަވަހަކަށް ހޯދަންޖެހޭ ކަމެވެ.