ހަބަރު

ޖުޑިޝަރީ މިނިވަން ކުރަން ހިޔާލުތައް ހުށަހަޅައި، މަޝްވަރާކޮށްފި

ސުޕްރީމް ކޯޓުން އިސްނަގައިގެން ބާއްވާ ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސްއަށް ޝަރުއީ ދާއިރާ އިސްލާހު ކުރެވިދާނެ ގޮތްތަކުގެ ހިޔާލުތައް އެކި ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.

މިއަދު ދަރުބާރުގޭގައި އޮތް ކޮންފަރެންސްގައި ނުވަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ކީނޯޓް ލެކްޗާއެއް ޗެކްރިޕަބްލިކްގެ ފަނޑިޔާރެއް ކަމަށްވާ އިވާނާ ރިލިކޯވާ ދެއްވި އެވެ. އޭނާ ވާހަކަ ދެއްކެވީ ފަނޑިޔާރުގޭގެ މިނިވަންކަމާ ގުޅޭ ގޮތުންނެވެ. ފަނޑިޔާރު އިވާނާ ރިލިކޯނާ ވަނީ މިނިވަން ޝަރުއީ ނިޒާމާއި ފަނޑިޔާރުގޭގެ އެކައުންޓެބިލިޓީއާ ގުޅޭ ގޮތުން ކަރުދާހެއް ވެސް ހުށަހަޅުއްވާފަ އެވެ.

އޭގެފަހުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ކީނޯޓް ލެކްޗާއެއް ދެއްވި އެވެ. އަދި ކަރުދާހެއް ވެސް ހުށަހެޅުއްވި އެވެ. އެ ކަރުދާހުގައި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެމަނިކުފާނަށް ފެންނަ ހަތަރު ކަމެއް ހިމަނުއްވާފައިވެ އެވެ. އޭގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ އޮނިގަނޑު ބަދަލުކުރުން ހިމެނެ އެވެ.

ދެވަނަ ކަރުދާސް ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އެވެ. ފަނޑިޔާރު ކަރުދާސް ހުށަހެޅުއްވީ ފަނޑިޔާރުގޭގެ މިނިވަންކަމާ ބެހޭ އިސްލާމީ ޝަރުއީ އަދި ފިގުހީ އުސޫލުތަކާ ގުޅޭ ގޮތުންނެވެ. އެކިއެކި ޖުރިސްޑިކްޝަންތަކުގައި ޝަރުއީ ނިޒާމް މިނިވަންކުރުމަށްޓަކައި ތަބާވާ ދުސްތޫރީ މަބްދައުތަކާ ގުޅޭ ގޮތުން ނިކް ސްޓެނޭޖް ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްވި އެވެ.

ގާޒީ ހާފިޒާ އަބްދުލްސައްތާރު ވަނީ ޝަރުއީ ނިޒާމާއި ފަނޑިޔާރުގޭގެ މިނިވަންކަމާ ބެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާ ގުޅޭ ކަރުދާހެއް ހުށަހަޅުއްވާފަ އެވެ. އަދި ގާޒީ ހުޒައިފާ މުހައްމަދު ވަނީ ފަނޑިޔާރުގޭގެ މިނިވަންކަމަށް އެކިއެކި ޖުރިސްޑިކްޝަންތަކުގައި އާންމުކޮށް ދިމާވާ ހުރަސްތަކާއި އެ ހުރަސްތައް ގިރާކުރުމަށްޓަކައި އަމަލު ކުރެވޭނެ ގޮތްތަކުގެ ކަރުދާހެއް ހުށަހަޅުއްވާފަ އެވެ.

ފަނޑިޔާރު މެލްކަމް ހަވާޑް ސިމަންސް، ފަނޑިޔާރުގޭގެ މިނިވަންކަމާ ބެހޭ ގޮތުން ލިޔުއްވާފައިިވާ ކީނޯޓް އެޑްރެހެއް ޖުޑީޝަލް އެކެޑެމީގެ ޗާންސެލާ އަހުމަދު މާޖިދު ކޮންފަރެންސްގައި އިއްވަވާފައިވެ އެވެ. އެންމެފަހު ކަރުދާހެއްގެ ގޮތުން މިއަދު ހުށަހެޅީ ބަންޑާރަ ނައިބުގެ ފަރާތުން ރާއްޖޭގެ ޝަރުއީ ނިޒާމް މިނިވަންކުރުމަށް ހުރި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކަށް ގެނެވޭނެ ހައްލުތައް ހިމެނޭ ކަރުދާހެވެ.

މިއަދު ފެށި މި ކޮންފަރެންސްއަށް ހުށަހެޅުނު ކަރުދާސްތަކާ ގުޅޭ ގޮތުން ވަރަށް ގިނަ ބަހުސްތައް ކުރެވުނެވެ. ކަރުދާސްތަކުގައި ހިމެނޭ ކަންކަމާ ގުޅިގެން ބައިވެރިން ވަނީ ހިޔާލުތައް ފާޅުކޮށްފަ އެވެ. ކޮންފަރެންސްގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ދަށު ކޯޓާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ އިތުރުން ވަކީލުންނާއި ޝަރުއީ ދާއިރާގެ ބޭފުޅުންނާއި ނޫސްވެރިން ވެސް ބައިވެރިވި އެވެ.

މާދަމާ ވެސް ކޮންފަރެންސް ކުރިއަށް ދާނެ އެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރަން މިހާރު މިހާރަށް ގެންނަން ޖެހޭ ހައްލުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. މާދަމާ ވެސް އެކި ފަރާތްތަކުން ކަރުދާސްތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި އެއްކުރެވޭ ހިޔާލުތައް ސުޕްރީމް ކޯޓުން އެކުލަވާލާ އެކްޝަން ޕްލޭންގައި ހިމަނާނެ އެވެ. އެކްޝަން ޕްލޭން އެކުލަވާލާނީ ޝަރުއީ ދާއިރާގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމަކުންނެވެ. މާދަމާ ރޭ ކޮންފަރެންސް ނިންމުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ އެވެ.