ބްރަސަލްސް (ފެބްރުއަރީ 20) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީއަށް އިންސާފު ހޯދައިދިނުމަށް އިގުތިސޯދީ ވިސްނުން ދޫކޮށް އިންސާނީ ހައްގުގެ ނަޒަރުން ސައުދީ ސަރުކާރަށް ޕްރެޝަރުކުރުމަށް، ޚާޝުގްޖީގެ ލޯބިވެރިޔާ ޚަދީޖާ ސެންގިޒް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައިފި އެވެ.
"މިހާތަނަށް އެކަމުގައި ތުހުމަތުކުރެވޭ އެއްވެސް މީހަކަށް އަދަބު ދީފައެއްނުވޭ،" ޔޫރަޕިއަން ޕާލިމަންޓުގައި އިއްޔެ ޚަދީޖާ ބުނެފައިވެ އެވެ.
"އަދިވެސް އެ ވަގުތު ނުޖެހެނީތަ؟ މި ސުވާލު މި ކުރަނީ އިންސާނެއްގެ ހައިސިއްޔަތުން،" އިންސާނީ ހައްގުތައް ގެއްލިފައިވާ މީހެއްގެ ގޮތުގައި ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގައި ވާހަކަ ދައްކަމުން ޚަދީޖާ ބުންޏެވެ.
ޚާޝުގްޖީގެ މަރުގެ މައްސަލައިގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތުހުމަތު ކުރެވުނު ނަމަވެސް ސައުދީ އިން އެކަން ދޮގު ކުރެ އެވެ. އަދި އެ މައްސަލައިގައި 21 މީހަކު ސައުދީ ސަރުކާރުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ވަލީއަހުދު މުހައްމަދުގެ ގާތް ބޭފުޅުން ހިމެނެ އެވެ.
އޭގެ ތެރެެއިން 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ސައުދީއިން އަންނަނީ މަސައްކަތް ކުރަމުން އެވެ.
ޚާޝުގްޖީ ގަތުލު ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ތުރުކީއާ ހަވާލު ކުރުމަށް އެ ގައުމުގެ ސަރުކާރުން މީގެ ކުރިން އެދިފައިވެ އެވެ. އެހެން ނަމަވެސް އެކަމަށް ދެކޮޅު ހަދައި ސައުދީ ސަރުކާރުން ބުނީ އެ މީހުންގެ މައްޗަށް ޝަރީއަތް ކޮށް އަދަބު ދޭނީ ސައުދީގައި ކަމަށެވެ. އަދި އެ ގަތުލު ހިންގީ، ސައުދީ ސަރުކާރުގެ ވެރިންނަށް އެނގިގެން ނޫން ކަމަށާއި އެކަން ކުރީ ސައުދީ ސަލާމަތީ ހިދުމަތްތަކުގައި ހިމެނޭ ބަޔަކު އެ މީހުން އަމިއްލަ އިސްނެގުމަކަށް ކަމަށް ވެސް ސައުދީ އިން ވަނީ ބުނެފަ އެވެ.