ހަބަރު

ހިޔާނާތުގެ ފައިސާ ލިބުނު އިތުރު ދެ ބޭފުޅަކު ގޭގައި މަޑުކުރަން އަންގައިފި

Feb 20, 2019
1

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އޭސީސީން ރިޕޯޓުގައި ހާމަވެފައިވާ ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި އައިލަންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އަބްދުﷲ އާޒިމް ގޭގައި މަޑުކުރައްވަން ރައީސް އޮފީހުން އަންގައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ކުރީގެ ނައިބު (މާލީ) އަހްމަދު މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަން އޭސީސީ ރިޕޯޓުގައިވާއިރު، އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، އެ ފައިސާ ލޯންޑާ ކުރި އެސްއޯއެފް ކުންފުނިން ފައިސާ ޖަމާކޮށްފައި ވަނީ މައުސޫމްގެ ހިއްސާ އޮންނަ، ސީޓީޖީ އާއި އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެ ކުންފުންޏަށް ޖުމްލަ 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސީޓީޖީގެ ވިޔަފާރިތަކަކީ ސިނގިރެޓް ވިއްކާ ރޫޓް ފިހާރަ އާއި ކެފޭ އަލްފްރެސްކޯ އާއި ސީޓީޖީ ކައުންޓާގެ އިތުރުން ސީޓީޖީ އައްޑޫ އެވެ.

ސީޓީޖީ އިން 2014 ގައި 500 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން، އެންމެ ގިނަ އާމްދަނީ ލިބުނީ ސިނގިރޭޓް ވިއްކައިގެން ކަން އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭސީސީން ބުނިގޮތުގައި ގިނަ އަދަދެއްގެ ފައިސާ ސިނގިރެޓް ގަތުމަށް ރާއްޖެ އިން ބޭރަށް ވެސް ފޮނުވަ އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ސިނގިރެޓް ގަތުމަށް ރާއްޖެ އިން ބޭރަށް ވެސް ފޮނުވާފައިވާއިރު، ސީޓީޖީ އިން ޖުމްލަ 88.5 މިލިއަން ރުފިޔާ ބޭނުންކޮށްފައިވާ އިރު ބަދަލުގައި އެސްއޯއެފަށް ނުވަތަ އެމްއެމްޕީއާރުސީ އަށް އެއްވެސް ފައިސާއެއް ސީޓީޖީ އިން ދެއްކިކަމެއް އެނގޭކަށްނެތް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އޭސީސީ ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ނަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މިވަގުތު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ފިޔަވަޅު އަޅުއްވަމުންނެވެ.

މިގޮތުން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން، ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ގޭގައި މަޑުކުރައްވަން ވަނީ އަންގަވައިފަ އެވެ.

އޭސީސީގެ ރިޕޯޓްގައި ބުނަނީ 1.3 ބިލިއަން ރުފިޔާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެމްބެޒުލްކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފައިސާ ނަގުދު ފައިސާއިން ނަގާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓްގައި ބުނެފަ އެވެ.