ބޭރު ކުޅިވަރު

ފަލްކާއޯ ޗެލްސީ އަށް ބަދަލުވީ މުސާރަ ކުޑަކޮށްގެން

މޮނާކޯގެ ކޮލަމްބިއާ ފޯވަޑް ރަޑަމެލް ފަލްކާއޯ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވެފައިވާއިރު، ފަލްކާއޯގެ މުސާރަ ގާތްގަނޑަށް ދެބައިކުޅަ އެއްބައި ކުޑަކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

މިދިޔަ ސީޒަންގައި ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެ، ފަލްކާއޯ އަށް އަސްލު ފެންވަރު ނުދެއްކުނު ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އަލުން ކުޅުމުގެ ފުުރުސަތު ފަލްކާއޯ އަށް ވަނީ ލިބިފަ އެވެ. އެކަމަކު ފަލްކާއޯ ޗެލްސީ އަށް ގުޅުނީ އޭނާގެ މުސާރަ ކުޑަކުރަން އެއްބަސްވެގެންނެވެ.

ފަލްކާއޯ ،29، ޔުނައިޓެޑަށް ކުޅުނީ ހަފުތާއަކު 285،000 ޕައުންޑްގެ މުސާރައަކަށެވެ. އެކަމަކު ރިޕޯޓްތަކުން ބުނާގޮތުގައި ފަލްކާއޯ ޗެލްސީ އަށް ބަދަލުވީ ހަފުތާއަކު 140،000 ޕައުންޑްގެ މުސާރައަކަށެވެ.

ޗެލްސީން ފަލްކާއޯ ގެނައި މިދިޔަ ސީޒަނަށް ފަހު އެ ޓީމުން ދޫކޮށްލި އައިވަރީ ކޯސްޓްގެ ފޯވަޑް ޑިޑިއޭ ޑްރޮގްބާގެ ބަދަލުގަ އެވެ.

އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯގައި ގިނަ ލަނޑުތަކެއް ޖަހައި، ޔޫރަޕްގެ އެންމެ ނުރައްކާތެރި އެއް ފޯވަޑްގެ ގޮތުގައި ބެލެވިފައިވާ ފަލްކާއޯ ޔުނައިޓެޑާ ގުޅުނީ ޖެނުއަރީ މަހު އޭނާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. ޔުނައިޓެޑްގައި ފަލްކާއޯ އަށް އޭނާގެ ކުރީގެ ފޯމް ދެއްކޭ ގޮތެއްނުވި އެވެ. ޔުނައިޓެޑަށް ކުޅުނު 29 މެޗުގައި ފަލްކާއޯ ޖަހާފައިވަނީ އެންމެ ހަތަރު ލަނޑެވެ.

ޗެލްސީގެ ކޯޗު ޖޯސޭ މޮރިނީއޯ ކުރިން ބުނީ ފަލްކާއޯ ކުރީގެ ފޯމަށް ގެންނަން އެހީތެރިވުމުގެ ފުރުސަތު ލިބިއްޖެ ނަަމަ، އޭނާ އެކަން ކުރާނެ ކަމަށެވެ.

"މިދިޔަ ސީޒަންގައި ފެނިގެންދިޔައީ ފަލްކާއޯގެ އަސްލު ފެންވަރު ކަަމަށް މީހުން ބުނުމަކީ އަހަރެން ވަރަަށް ދެރަވާ ކަމެއް،" މޮރީނިއޯ ބުންޏެވެ.