ހަބަރު

މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމުގެ އުސޫލެއް

Feb 20, 2019

ކުރިއަށް ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ހާއްސަކުރުމުގެ އުސޫލެއް އެކުލަވާލައި، ގެޒެޓު ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން މިއަދު ފޮނުވައިފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނު ގެ 30 ވަނަ މާއްދާގެ ދަށުން އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ހާއްސަކޮށްގެން ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް އެ އުސޫލުގައި ހިމަނާފައިވާނެ ކަމަށެވެ.

އަދި އެ ހަމަތަކާ ހިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމާއި، އެ ހަމަތަކާ ހިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުސޫލެއް އާންމުކުރުމަށް އެ ކޮމިޝަނަށް ލާޒިމްކޮށްފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން، ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް އެކުލަވައިލި އުސޫލެއްކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ، ގެޒެޓު ކުރުމަށް މިހާރު ފޮނުވާފައިވާ އުސޫލު އެކުލަވައިލައިފައިވަނީ، ބްރޯޑްކާސްޓަރުންގެ ހިޔާލު ހޯދުމަށް އެ ފަރާތްތަކާ އެކު ބައްދަލުކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ހިޔާލުހޯދުމަށް ފަހު ބައެއް އިސްލާހުތައް ހިމަނައިގެން ކަމަށެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ހާއްސަކުރަންވާނީ މި އުސޫލާ އެއްގޮތަށްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.