ނިއުޔޯކުގެ ޕްރޮފެސަރެއް ކަމަށްވާ ޖޯން ޕްފަފް ތުއްޕުޅު އިރުގެ ހަނދާންތައް މިހާރު އާ ކުރައްވަނީ މީގެ 30 އަހަރު ކުރިން އޭނާ ބޭނުން ކުރެއްވި އެޕަލް ކޮމްޕިއުޓަރު ފެނި އެ ކޮމްޕިއުޓަރު ރަނގަޅަށް މަސައްކަތް ކުރުމުންނެވެ.
ޕްރޮފެސަރު ޖޯންގެ މަންމަ އާއި ބައްޕަގެ ގޭގެ ގުދަނުގައި ހުރި މި ކޮމްޕިއުޓަރަކީ ޖޯން ތުއްޕުޅު އިރު ގެންގުޅުއްވި އެޕަލް ކޮމްޕިއުޓަރެވެ. މި ކޮމްޕިއުޓަރު ގުދަނުގައި ބަަހައްޓާފައި ހުންނަތާ މިހާރު 30 އަހަރު ވެދާނެ އެވެ.
އަދި އެ ކޮމްޕިއުޓަރު އެތަނުން ނެގުމަށްފަހު ހިރަފުސް ފޮޅާލައި ކުރީގެ ފްލޮޕީ ޑިސްކެއް ލައްވާލުމުން ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރާކަން ފެނި ވަޑައިގެން އޭނާ ހުންނެވީ ހައިރާންވެފަ އެވެ. އަދި ހުންނެވީ ތުއްޕުޅުގެ އިރުގެ ހަނދާންތައް އާ ކުރައްވައިގެނެވެ.
ޖޯން އެ ކޮމްޕިއުޓަރަށް ލެއްވީ ކުރީގެ ގޭމް ފްލޮޕީ އެކެވެ. "އެޑްވެންޗާލޭންޑް" ގޭމް ފްލޮޕީ ލެއްވީ މަސައްކަތް ކުރާނެ ކަމުގެ އުއްމީދެއްގައި ނޫން ކަމަށް އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
އަދި ފްލޮޕީ ލެއްވުމުން، ކުރިން ކުޅެފައިވާ ގޭމް އަލުން ފަށަން ވީތޯ ކޮމްޕިއުޓަރު ސުވާލު ކުރި އެވެ. ފްލޮޕީވެސް ކޮމްޕިއުޓަރުވެސް މަސައްކަތް ކުރުމުން އެންމެ ފަހުން ކުޅުނު ބައިގައިވީ ގޮތް މިހާރު ހަނދުމަފުޅުގައި ނެތް ކަމަށް ޖޯން ވިދާޅުވެ އެވެ. އަދި ގޭމް ކުޅުއްވަމުން ކޮމްޕިއުޓަރުގެ ފޮޓޯތައް ނަގައި ޖޯން ކުރި ޓްވީޓުގައި ވިދާޅުވެފައި ވަނީ މިހާ ދުވަސްވީ ކޮމްޕިއުޓަރެއް މަސައްކަތް ކުރުމުން އަމިއްލަ ނަފުސު ސިފަ ކުރެެއްވެނީ އަލުން 10 އަހަރުގެ ކުޑަ ކުއްޖެއްގެ ގޮތުގައި ކަމަށެވެ.
އެ ކޮމްޕިއުޓަރު އޮން ކުރުމުން ކުރިއެކޭ އެތްގޮތަށް މަސައްކަތް ކުރާކަން އެނގި ޖޯން ވަނީ ކުރީގެ މަޝްހޫރު ގޭމްތައް ކަމަށްވާ ސުޕަމާރިއޯ އާއި މިލިއަންވެއާ ފަދަ ގޭމްތައް އޭނާގެ އަންހެނުންނާއި ކުދިންނާއެކު ކުޅުއްވާފަ އެވެ. އަދި، ޖޯންގެ ބައްފަ އޭނާއަށް ލިޔެފައިވާ ސިޓީއެއް ފެނި ބައްޕަގެ ހަނދާންތައް އާވެގެން ދިޔައެވެ.
މި ކޮމްޕިއުޓަރަކީ އެޕަލް އެލްއެލްއީގެ މޮޑެލް އެކެވެ. އެޕަލް އެލްއެލްއީއަކީ 1983 ވަނަ އަހަރު އެޕަލް ކުންފުނިން އުފައްދާފައިވާ އެޕަލް ސީރީޒް ދޭއްގެ އުފެއްދުމެކެވެ. މި މޮޑެލް ތަކުގައި ކެޕްސް ލޮކް އޮން ކޮށްގެން ކެޕިޓަލް ލެޓާތައް ޖެހުމާއި ކީބޯޑުގެ ޝިފްޓް ފިތް ތައާރަފު ކުރި އެވެ. މި މޮޑެލްގެ ކޮމްޕިއުޓަރުތައް އުފެއްދުން ހުއްޓާލީ 1993 ގަ އެވެ.
30 އަހަރު ފަހުން ވެސް ކުރިއެކޭ އެއްގޮތަށް މަސައްކަތް ކުރި މި ކޮމްޕިއުޓަރު އަންނަނީ ދުނިޔޭގެ ސަމާލުކަން ހޯދަމުންނެވެ. އަދި ކޮމްޕިއުޓަރުގެ ފޮޓޯ އާއި ވީޑީއޯތައް އާއްމު ކުރަމުން ޖޯން ކުރެއްވި ޓްވީޓުތަކަށް ބައެއް މީހުން ބުނަނީ އެ ކޮމްޕިއުޓަރު ވިއްކާލާއިގެން މުއްސަނދި ވެސް ވެވިދާނެ ކަމަށެވެ.