ހަބަރު

ސަސްޕެންޑް ކުރި މައުސޫމްގެ ދިފާއުގައި ނަޝީދު

Feb 20, 2019
7

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އާންމުވުމާ އެކު ސަސްޕެންޑްކުރި އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް، ޕިރަމިޑް މައުސޫމްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

މައުސޫމް ސަސްޕެންޑްކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި، އެސްއޯއެފް ކުންފުނިން އޭނާ ހިއްސާވާ، ސީޖީޓީ ޕްރައިވެޓް ލިމިޓެޑް އާއި އެމްސީ މޯލްޑިވްސްއަށް ފައިސާތަކެއް ޖަމާވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓް ހާމަވުމާ ގުޅިގެން އެވެ. މައުސޫމް ސަސްޕެންޑް ކުރީ ވެސް މުސާރަ ނުހިނގާ ގޮތަށެވެ.

ނަޝީދުގެ ޓްވީޓް.

އެކަމަށް އިޝާރާތް ކުރައްވާ، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މައުސޫމްއަކީ އޭނާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ކަމަށާއި މައުސޫމް ވަނީ އެސްއޯއެފްއިން ފައިސާ ލިބުނު އެމްސީ މޯލްޑިވްސް އިން މީގެ 20 އަހަރު ކުރިން ވަކިވެފައި ކަމަށެވެ. އަދި މައުސޫމްއަށް ފުރިހަމަޔަށް އިތުބާރު ކުރައްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"މައުސޫމް އަކީ ވަރަށް ނަޒާހަތްތެރި ބޭފުޅެއް،" ނަޝީދު ޓްވީޓް ކުރެއްވި އެވެ.

އޭސީސީގެ ރިޕޯޓްގައިވާ ގޮތުގައި، މައުސޫމްގެ ހިއްސާ އޮންނަ ދެ ކުންފުންޏަކަށް، އެސްއޯއެފުން 6.1 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

މައުސޫމްގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ ބޯޑް މެންބަރެއް ކަމަށްވާ، އަބްދުﷲ އާޒިމް ވެސް ވަނީ އެ މައްސަލައިގައި ސަސްޕެންޑްކޮށްފަ އެވެ. އާޒިމްގެ އެކައުންޓަށް އެސްއޯއެފް އިން 50،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އެބޭފުޅުންގެ އިތުރުން އެސްއޯއެފްއިން ޑޮލަރު ލިބުނު، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކުރަމް ކަމާލުއްދީން ވެސް ވަނީ މައްސަލަ ތަހުގީގުކޮށް އޭސީސީ އިން ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން އަންގައިފަ އެވެ.