ހަބަރު

ރައީސް ޔާމީން އައިޖީއެމްއެޗް އަށް ގެންގޮސްފި

ޝަރީއަަތް ނިމެންދެން ބަންދު ކޮށްފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް އައިޖީއެމް ހޮސްޕިޓަަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޫޓީން ޗެކަޕްއަކަށް ކަމަށް ބުނެ އެވެ. ޕީޕީއެމްއާއި، ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވަނީ، ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައީ އެހެން ސިޔާސީ ލީޑަރުން ފަދައިން ރައީސް ޔާމީން ވެސް ޖަލަށްލުމުން ސިއްހީ ހާލުކޮޅު ދައްވާކަމަށްބުނެ، އެމަނިކުފާނު "ފޭކް" ޖައްސާކަން ދައްކައި ފޮޓޯ ނަގަން ކަމަށެވެ.

އެހެން ނަމަވެސް ރައީސް ޔާމީނަކީ އެއަށްވުރެ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، ޖަލުން ގެނައި އިރު، އެމަނިކުފާނަށް ގެންދަވަނީ ކޮންތާކަށްކަން އަންގާފައިނުވާ ކަމަށާއި، އެއީ ރަހީނު ކުރުމުގެ އަމަލެއް ކަމަށްވެސް ބައެއް ބޭފުޅުން ވަނީ ވިދާޅުވެ އެވެ.

އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔުމާ ދިމާކޮށް، އައިޖީއެމްއެޗަށް ވަނީ ޕީޕީއެމް އާއި ޕީއެންސީގެ ބައެއް އިސް ބޭފުޅުން ޖަމާވެފަ އެވެ. ހޮސްޕިޓަލަށް މީހުން ޖަމާވުމުން، އެތަނުން މީހުން ދުރުކުރަން ފުލުހުން އުޅުމުގެ ތެރޭގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.

ނިހާން ކުރެއްވި ޓުވީޓް

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އަދިވެސް ހުރީ ރައީސް ޔާމީންގެ އެކައުންޓުގަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު މިހާރު އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.