މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޓެސްޓްތަކެއް ހަދަން މިދިޔަ ބުދަ ދުވަހު މާލެ ގެނައި ގޮތަށް އަދިވެސް އައިޖީއެމްއެޗްގައި ހުންނެވި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު އައިމިނަތު ޔުޝްރީން ވިދާޅުވީ ރައީސް ޔާމީން މާލެ ގެނެސް ޓެސްޓްތަކެއް ހަދަމުންދާ ކަމަށާއި މިދިޔަ ބުދަ ދުވަހު މާލެ ގެނަ ގޮތަށް އަދިވެސް ރައީސް ޔާމީން ހުންނެވީ ހޮސްޕިޓަލުގައި އޮންނެވި ކަމަށެވެ.
ރައީސް ޔާމީންގެ ހާލުކޮޅު ސީރިއަސްވެ، މީގެ ކުރިން މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ދެކެވޭ ވާހަކަތައް ޔުސްރީން ވަނީ ދޮގުކޮށްފައެވެ.
ރައީސް ޔާމީނަށް ހުކުމްކުރިތާ 83 ދުވަސްވެފައިވާއިރު، އެންމެ ފަހުން ބޭއްވި އެމަނިކުފާނުގެ އިސްތިއުނާފު ޝަރީއަތްތަކުގައި ބަލިހާލަތުގެ ވާހަކަތައް ވިދާޅުވެފައި ވެއެވެ. އެމަނިކުފާނު ވިދާޅުވީ ތަހުގީގަށް ހައްޔަރު ކޮށްފައި ބެހެއްޓި އެއްމަސް ދުވަހުގެ ތެރޭގައި ނަފްސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.
އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.
އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް މިއަދު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ބަންދުން ދޫވެ، ޝަރީއަތް ކުރިއަށް ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ބާރަބަރަށް ޑޮކްޓަރަށް ދައްކަވަމުން ގެންދެވި ކަމަށާއި ނަމަވެސް މިހާރު ޑޮކްޓަރަށް ނުދެއްކޭ ކަމަށެވެ. އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށެވެ.