ހަބަރު

ތިން ދުވަހު ފަރުވާ ދިނުމަށްފަހު ޔާމީން އަނބުރާ ޖަލަށް

މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޓެސްޓްތަކެއް ހަދަން އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ، ޓެސްޓްތަކެއް ހެދުމަށްޓަކައި ރައީސް ޔާމީން މިދިޔަ ބުދަ ދުވަހު މާލެ ގެނެސް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އޮންނެވުމަށްފަހު އެމަނިކުފާނު ހަދަން ޖެހޭ ޓެސްޓްތައް ހަދައި ނިމުމުން އިއްޔެ އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިހާރު ހުންނެވީ މާފުށީ ޖަލުގައި ކަމަށް އޮފިސަރު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމް ކުރިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެންމެ ފަހުން އެ މައްސަލާގައި ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތަކުގައި އެމަނިކުފާނުގެ ބަލި ހާލަތުގެ ވާހަކަތައް ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓި ދުވަސްވަރުގައި ނަފުސާނީ މައްސަލަތަކާއި ހިތުގެ މައްސަލައެއް ކުރިމަތިވި ކަމަށެވެ.

އޭރު ބަންދުން ދޫވުމުން އައިޖީއެމްއެޗްގެ ހިތުގެ ސެންޓަރަށް ދެއްކެވި ކަމަށާއި އެ ތަނުގެ އެންމެ އިސް ޑޮކްޓަރުން ލަފާ ދެއްވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވީ ހިތުގެ އެ ބައްޔަށް ދޭނެ ފަރުވާއެއް ރާއްޖޭގައި ނެތް ކަމަށާއި އެ ޓެސްޓްތައް ވެސް ހެދެން ނެތް ކަމަށެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ މައިބަދައިގެ ކަށިގަނޑެއް ގުޑާފައިވާ ކަމަށާއި އެ އޮޕަރޭޝަން ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އެ އޮޕަރޭޝަން ކުރައްވަން ވެސް ބޭނުންފުޅު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އަދި އެ ނުވަ މަސް ތެރޭ ރާއްޖެއިން ބޭރަށް ވަޑައި ނުގެންނެވީ ކޯޓުގެ ހުއްދައާއެކު ވަޑައިގެންނެވި ނަމަވެސް ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނު ފިއްލެވީ ކަމަށް ދެކޭނެތީ އެ ފުރުސަތު ނުދެއްވުމަށް ކަމަށް ކޯޓުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އަދި ދެން ވެސް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޯޓުން ހުއްދަ ދިނުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނަށް ސަޕޯޓްކުރާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ގަބޫލު ކުރަނީ އެމަނިކުފާނަށް އިއްވާފައި ވަނީ ނުހައްގު ހުކުމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ޝަރީއަތް ހިންގީ ބޭއިންސާފުން ކަމަށެވެ.