މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ޖަލަށް ހުކުމް ކުރި އިބްރާހީމް ރަޝީދު 27 އަށް ޖަލުގައި ހުއްޓައި ޖެހުނު ހަމުގެ ބައްޔެއްގެ ސަބަބުން، އޭނާޔާ އަޅާލާނެ މީހަކު ނުވެ، މަގުމަތިވެފައިވާތީ އޭނާގެ ހާލަތު ގާތުން ބަލައި އަޅާލުމުގެ މަސައްކަތަ ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިންވެސް ރަޝީދުގެ މައްސަލަ ސޯޝަލް މީޑިއާގަައި ވަރަށް ބޮޑަށް ވަނީ ދައުރުވެފަ އެވެ. އެގޮތުން އޭނާ އަށް ހަމުގެ ބައްޔެއް ޖެހި ގައިގެ ހަންގަނޑު ހަލާކުވަމުންދަނީ ޖަލު ބަންދުގައި ހުރިއިރު ކަރެކްޝަން ސާވިސް އިން ފޯރުކޮށްދޭން ޖެހޭ ބޭސް ފަރުވާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ކަމަށް ރަޝީދުގެ ހާލަތާ މެދު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހުން ވަނީ ބުނެފަ އެވެ.
ކަރެކްޝަން އިން ވަނީ ރަޝީދު އައިޖީއެމްޗްގައި ޑޮކްޓަރަކަށް ދައްކައިފަ އެވެ. އަދި އޭނާ ހޮސްޕިޓަލުގައި އެޑްމިޓްވެސް ކުރި އެވެ. ނަމަވެސް ޑޮކްޓަރުގެ ލަފާގެ މަތިން ކަރެކްޝަން އިން ވަނީ ރަޝީދު ގޭބަންދަށް ދޫކޮށްފަ އެވެ. އެފަހުން ރަޝީދު އާއްމުކޮށް ފެންނަނީ ކަރާ މާރުކޭޓް ކައިރިންނެވެ.
އިއްޔެސުރެ ރަޝީދުގެ މައްސަލަ އަނެއްކާވެސް ސޯޝަލް މީޑިއާގައި ހޫނު ވުމުން ޖެންޑާ މިނިސްޓަރު ޝިދާތާ މިއަދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، އާއިލާގެ ބެލުމުގެ ދަށުން މިހާރު ރަޝީދަށް އަންނަނީ ސިއްހީ ފަރުވާ ދެމުން ކަމަށެވެ. ނަމަވެސް މޭޑާ މުޒާހަރާއިގައި އޭނާ ހައްޔަރު ކުރުމުން ދިފާއުގައި މަސައްކަތް ކުރެއްވި، ގާނޫނީ ވަކީލު އަހްމަދު ނާޒިމް ވިދާޅުވީ، ރަޝީދަކީ އޭނާގެ އާއިލާއާ އެހާ ގުޅުން އޮންނަ ފަރާތެއް ނޫން ކަމަށެވެ.
މޭޑޭ މުޒާހަރާއަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ނިންމުމުގެ ގޮތުން މިހާރު ކޯލިޝަންގައި ތިއްބެވި ސިޔާސީ ލީޑަރުން ގުޅިގެން 2015 ވަނަ އަހަރު މޭމަހު 27 ވަނަ ދުވަހު ކުރި ބޮޑު މުޒާހަރާއެކެެވެ. ކަރެކްޝަން ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ރަޝީދު ގޭ ބަންދަށް ދޫކޮށްލީ މިދިޔަ އަހަރުގެ ސެފްޓެމްބަރު މަހުގައި ކަމަށެވެ. އޭރު އޭނާއަށް ދިޔައީ ހަމުގެ ބައްޔަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ.
ޔާމީން ވެރިކަމުގައި ގައިދީންނަށް ފޮރުކޮށްދޭން ޖެހޭ ބެސް ފަރުވާ ފޯރުކޮށް ނުދޭ ވާހަކައަކީ އާއްމު ވާހަކަ އެކެވެ. އެގޮތުން މޭޑާ މުޒާހަރައިގައި ހައްޔަރު ފަރާތެއް ކަމަށްވާ އަބްދުﷲ ރަޝީދު މަރުގެ މައްސަަލަވެސް ހިމެނެ އެވެ. މިމައްސަލަ އެޗްއާރްސީއެމް އިން ތަހުގީގުކޮށް ދައުވާ ކުރަން ވަނީ ފޮނުވައިފަ އެވެ.
މީގެ ކުރިން ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފްވެސް ވަނީ ސޯޝަލް މީޑިއާގައި ރަޝީދުގެ ބަލި ހާލަތާ ގުޅިގެން ކަންބޮޑުވުން ފައުޅު ކުރައްވާފަ އެވެ.