ހަބަރު

ފައިގައި ޗޭނެއް އެޅީ އާއިލާއިން، ހުރީ އެ ނިޝާން: މިނިސްޓްރީ

ކ. ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ބެލެމުގެ ދަށުގައި ހުއްޓާ މަރުވި އަލީ ނިޔާޒުގެ ފައިގައި ޗޭނެއް އަޅައިގެން ގެންގުޅިފައިވަނީ އޭނާގެ އާއިލާއިން ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

ޑައުންސިންޑްރޯމް ހުންނަ އަލީ ނިޔާޒުގެ މަރާމެދު އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އޭނާއަކީ ވިލިމާލޭގައި ދިރިއުޅުނު 42 އަހަރުގެ މީހެކެވެ. ނިޔާޒު ގުރައިދޫގެ ހާއްސަ އެހީއަަށް ބޭނުންވާ މަރުކަޒަށް ބަދަލުކުރީ ޖެންޑާ މިނިސްޓްރީގެ އިރުޝާދާއެކު މިދިޔަ ޑިސެމްބަރު މަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާޒުގެ ފައިގެ ކުޑަހުޅާ ހަމައިގައި އެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާއެއްގެ ނިޝާން ފެންނަ ހުއްޓެވެ. އެ ފޮޓޯތައް އާއިލާގެ ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި އޭނާއާމެދު ދައުލަތުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެކަމަކު އެކަން ދޮގުކޮށް މިރޭ ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ނިޔާޒު ދައުލަތުގެ ބެލުމުގެ ދަށަށް ނެގީ ވެސް ކަމާ ބެހޭ ފަރާތްތަކަށް ލިބިފައިވާ ރިޕޯޓާ ގުޅިގެން ކަމަށެވެ. އޭނާއަށް ސްޓޯކެއް ޖެހިފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހޮނިހިރު ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ބެލިބެލުމުން އެނގުނު ގޮތުގައި އޭނާގެ އާއިލާއިން ފައިގައި ޗޭނެއް އައްސައިފައި އޮތުމުގެ ސަބަބުން، އެ ނިޝާން ހަށިގަނޑުން ފާޅުވެފައިހުރި ކަމަށާއި ނިޝާނަކީ ނިޔާޒު ގުދައިދޫ މަރުކަޒަށް ގެންދިޔުމުގެ ކުރީގެ ނިޝާނެއް ކަމަށް ޖެންޑާގެ އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކާއެކު ބަލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ނިޔާޒަށް ބޮޑުބޭބެ ކިޔާ މީހަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ނިޔާޒު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައި އިރު ސްޓްރޯކެއް ޖެހިފައިވާ ކަމަަށާއި އޭގެ އިތުރުން ވެސް ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރި ކަމަށެވެ.

ނިޔާޒުގެ އާއިލާ މެންބަރު ބުނެފައިވާ ގޮތުގައި އޭނާގެ މަރު އެޗްއާރްސީއެމްއިން ވެސް ވަނީ ބަލާފަ އެވެ. އަދި އެ ކޮމިޝަނުން ވަނީ ނިޔާޒުގެ ދެ ފައިގެ ކުޑަހުޅާ ހިސާބު ދުޅަވެފައި ހުރިކަން ފާހަގަކޮށްފަ ކަމަށެވެ. އެއީ އެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް އާއިލާ މެންބަރު ބުނެފައިވެ އެވެ.