ހަބަރު

ގުރައިދޫ މަރުކަޒުން ބެލެހެއްޓި މީހެއްގެ މަރާމެދު ކަންބޮޑުވުންތަކެއް

ކ. ގުރައިދޫ މަރުކަޒުން ބަލަހައްޓަމުން ދިޔަ މީހެއްގެ މަރާމެދު އާއިލާއިން ޝައްކުތަކެއް އުފައްދައި އެ މައްސަލަ ބަލައިދިނުމަށް އެދިއްޖެ އެވެ.

ޑައުންސިންޑްރޯމް ހުންނަ އަލީ ނިޔާޒު ނަމަކަށް ކިޔާ މީހާ މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާއަކީ ވިލިމާލޭގައި ދިރިއުޅުނު މީހެކެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީގެ އިރުޝާދާއެކު މިދިޔަ ޑިސެމްބަރު މަހު އޭނާ ވަނީ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފަ އެވެ.

ނިޔާޒަށް ބޮޑުބޭބެ ކިޔާ މީހަކު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި ނިޔާޒު އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައި އިރު ސްޓްރޯކެއް ޖެހިފައިވާ ކަމަަށާއި އޭގެ އިތުރުން ވެސް ސީރިއަސް ސިއްހީ މައްސަލަތަކެއް ހުރި ކަމަށެވެ.

"އަމިއްލައަށް ދިޔާ ތަކެތި ދިރުވާލުމުގެ ހަކަތައެއް ވެސް އޭނާގެ ނެތް، ކާން ދޭން ޖެހުނީ ރަބާ ޓިއުބެއް ބޭނުންކޮށްގެން،" ނިޔާޒުގެ ހާލަތު ކިޔައިދިނެވެ.

އެ އުނދަގޫތަކަށް ފަރުވާ ހޯދަނިކޮށް ނިޔާޒު މަރުވެފައިވާއިރު އައިޖީއެމްއެޗަށް ގެނައުމުގެ ކުރިން ގުރައިދޫ ސިއްހީ މަރުކަޒުގައި ދެ ފަހަރެއްގެ މަތިން އޭނާ އެޑްމިޓްކޮށްފައިވެ އެވެ.

ނިޔާޒުގެ އާއިލާ މެންބަރު ބުނެފައިވާ ގޮތުގައި އޭނާގެ މަރު އެޗްއާރްސީއެމްއިން ވެސް ވަނީ ބަލާފަ އެވެ. އަދި އެ ކޮމިޝަނުން ވަނީ ނިޔާޒުގެ ދެ ފައިގެ ކުޑަހުޅާ ހިސާބު ދުޅަވެފައި ހުރިކަން ފާހަގަކޮށްފަ ކަމަށެވެ. އެއީ އެއްސުމުގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް އާއިލާ މެންބަރު ބުނެފައިވެ އެވެ.

ނިޔާޒުގެ ޖަނާޒާއަށް ދިޔަ އެހެން މީހަކު ވެސް ވަނީ އޭނާގެ ފައިގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ފޮޓޯތަކުން ވެސް ފެންނަ ގޮތުގައި ނިޔާޒުގެ ފައިގައި ނިޝާންތަކެއް ހުއްޓެވެ. އާއިލާއިން ވަނީ ގުރައިދޫއަށް ގެންދިޔަ ފަހުން ނިޔާޒުގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީގެ ވައިބާ ގުރޫޕްގައި ނޫސްވެރިއަކު ސުވާލު ކުރި އެވެ. އެކަމަކު އަދި މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.