ބޭރު ކުޅިވަރު

މުމްބާއީ އެފްސީގެ ކޯޗަކަށް އަނެލްކާ ހަމަޖައްސައިފި

އިންޑިއާ ސުޕަ ލީގުގައި ވާދަކުރާ މުމްބާއީ އެފްސީގެ ކޯޗަކަށް ފްރާންސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ނިކޮލަސް އަނެލްކާ ހަމަޖައްސައިފި އެވެ.

ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑާއި ލިވަޕޫލް އަދި ޔުވެންޓަސް އަށް ކުޅުނު އަނެލްކާ ،36، މުމްބާއީގެ ކޯޗުކަމާ ހަވާލުއިރިު، އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ސްކޮޑްގައި އޭނާ ވަނީ ހިމަނައިފަ އެވެ.

އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ކޯޗު ޕީޓާ ރީޑްގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ވެސް އަނެލްކާ ވަނީ މުމްބާއީ އަށް ކުޅެފަ އެވެ. މިދިޔަ އަހަރު މުމްބާއީ އަށް ކުޅުނު ހަތް މެޗުގައި އަނެލްކާ އަށް ޖެހުނީ ދެ ލަނޑެވެ.

ޗައިނާގެ ޝެންހާއީ ޝެންހުއާ އަށް 2012 ވަނަ އަހަރު ކުޅުނުއިރު، އަނެލްކާ ވަނީ އެ ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކޮށްފަ އެވެ. އެކަމަކު އެ ކްލަބުގެ ކޯޗުގެ މަގާމުގައި އަނެލްކާ ހުރީ ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތަކަށެވެ.

"މި ޓީމުގައި އަހަންނަށް މި ހަވާލުކުރެވުނު އާ މަގާމު ރަނގަޅަަށް އަދާކޮށް، ރަނގަޅު ޓީމެއް ދަނޑު މައްޗަށް ނެރުމަކީ އަހަރެންގެ އަމާޒު،" އަނެލްކާ ބުންޏެވެ.