ހަބަރު

24 ގަޑިއިރަށް ޔާމީން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފި

ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ، ޑޮކްޓަރުގެ ލަފަޔަށް ރައީސް ޔާމީން އައިޖީއެމްއެޗްގައި 24 ގަޑިއިރަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ދީފައެއް ނުވެ އެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސް ފަރުވާދޭން ފަށާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޫޓީން ޗެކަޕްއަކަށް ކަމަށް ބުނެ އެވެ.

ޔާމީން ހޮސްޕިޓަލަށް ގެންދިޔުމާ ދިމާކޮށް، އައިޖީއެމްއެޗަށް ވަނީ ޕީޕީއެމް އާއި ޕީއެންސީގެ ބައެއް އިސް ބޭފުޅުން ޖަމާވެފަ އެވެ. ހޮސްޕިޓަލަށް މީހުން ޖަމާވުމުން، އެތަނުން މީހުން ނެރުމަށް ފުލުހުން އުޅުމުން، އެކަމާ ދެކޮޅަށް ރައީސް ޔާމީންގެ ސަޕޯޓަރުން އަޑުއުފުލުމުން އެމީހުންގެ ތެރެއަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި މީހުން ހޮސްޕިޓަލުން ނެރެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އަދިވެސް ހުރީ ރައީސް ޔާމީންގެ އެކައުންޓުގަ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު އަމުރު މިހާރު އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ.