ހަބަރު

މަސްދޯނި އެކައުންޓް ރައީސް އިފްތިތާހު ކޮށްދެއްވައިފި

މަސްވެރިންނަށް ފަސޭހަ ކަމާއެކު ބޭންކިންގެ ހިދުމަތް ހޯދައިދިނުމުގެ ގޮތުން "މަސްދޯނި އެކައުންޓް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާހް ކޮށްދެއްވައިފި އެވެ.

މަސްވެރިޔާ ކާޑް އަދި ޑިޖިޓަލް ވޮލެޓް ރައީސް ސޯލިހް އިފްތިތާހް ކޮށްދެއްވާފައިވަނީ ގއ. ކޫއްޑޫގައި މިހާރު ކުރިއަށްދާ ހަފްލާއެއްގައި އެވެ.

"މަސްދޯނި އެކައުންޓް" އިފްތިތާހް ކުރުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގައި ހިމެނޭ ވައުދެކެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މަސްވެރިޔާ ކާޑަކީ މަސްވެރިންނާއި ގުޅިފައިވާ އެކައުންޓްގެ ކާޑެއް ކަމަށާއި އެއީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބިގެންދާނެ ވަސީލަތެއް ކަމަށެވެ. އަދި މަސް ގަންނަ ކުންފުނިތަކަށް ފަސޭހަކަމާއެކު މަސްވެރިންނަށް ފައިސާ ދެއްކޭނެ ގޮތް ތަނަވަސް ވެގެންދާނެ ކަމަށާއި އެއެކައުންޓާ ގުޅިފައިވާ މަސްދޯނީގެ ހުރިހާ ފަޅުވެރިންނަށްވެސް އެހިދުމަތް ލިބިގެންދާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އޮޑިވެރިޔާއަށް ފައިސާ ލިބުމުން ބީއެމްއެލް މޯބައިލްޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާ ވަގުތުން ބަހާލެވޭނެ، ހަމަ ނަގުދު ފައިސާވެސް ވަގުތުން ބަހާލެވޭ ގޮތަށް ކަނޑުމަތީގައި ތިބެގެން އެބޭފުޅެއްގެ ފައިސާ ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މި ކާޑުގެ ބޭނުން ރާއްޖެއިން ބޭރުގައި ކުރެވޭނެ ކަމަށާއި ކާޑަކީ މާސްޓާ ކާޑެއްކަމުން ބޭރުގައި ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ބީއެމްއެލްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ފަސޭހަ ކަމާއެކު ކާޑް މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މާދަމާއިން ފެށިގެން ކާޑް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.