ހަބަރު

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކޮށްފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ މުޒާހަރާ ކޮށްފި އެވެ.

ޕީޕީއެމް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް ޕާޓީ) ގުޅިގެން މިރޭ ކުރި މުޒާހަރާ ފަށާފައިވަނީ ކާނިވާ ސަރަހައްދުގައި އެވެ. އެސަރަހައްދަށްވަނީ ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތައް އެއްވެ އަޑު އުފުލާފަ އެވެ. މުޒާހަރާގެ ބައިވެރިން ތިބީ ރައީސް ޔާމީން ދޫކޮށްލުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދިނުމަށްއެދި ލިޔެފައިވާ ބޯޑްތަކާއި ބެނާތަކެއްވެސް ހިފައިގެންނެވެ.

އަޑުގަދަކުރާ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲގެ އިތުރުން ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ބައެއް އިސްވެރިންވެސް މުޒާހަރާގައި ބައިވެރިވި އެވެ.

ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރަމުން ދަނިކޮށް އެސަރަހައްދުން ވަނީ ކަރަންޓް ކަނޑާލާފަ އެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންވަނީ އެސަރަހައްދުން ބޭރުކޮށްފަ އެވެ. ނަމަވެސް ފަހުން މުޒާހަރާގެ ބައިވެރިން އަޑުގަދަ ކުރަމުން ގެންދިޔައީ ޕީޕީއެމް އޮފީސް، ހ.ހުރަފާ ގޭގެ ކުރިމަތީގައި އެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ މުޒާހަރާ ވަނީ 11:00 ގައި ނިންމާލާފަ އެވެ. މުޒާހަރާ އިންތިޒާމް ކުރި ފަރާތްތަކުން ވަނީ ރައީސް ޔާމީން ދޫކޮށްލަންދެން ސިލްސިލާކޮށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މުޒާހަރާކޮށްފައިވާއިރު، ރައީސް ޔާމީން މިވަގުތު އޮންނެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލާގަ އެވެ. އެ ފައިސާ އަދިވެސް ހުރީ ރައީސް ޔާމީންގެ އެކައުންޓުގަ އެވެ.