ހަބަރު

ފަސް ރަށެއްގައި ހުއްޓިފައިހުރި ޓޫރިޒަމް މަޝްރޫއުތައް ފަށަނީ

Feb 21, 2019
2

ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ފަސް ރަށަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ސަބަބު ހޯދައި އެކަން ހައްލުކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން މީހުން ދިރިއުޅޭ ރަށްރަށުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ދެ އަހަރު ދުވަސް ވަންދެން މަސައްކަތް ހުއްޓިފައިވާ ފަސް ރަށެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގެ ގޮތުން ، ކ. ކާށިދޫ، އދ. މަންދޫ، ރ. ވާދޫ، ހއ. އުތީމުގެ އިތުރުން ހއ. ވަށަފަރުގެ ކައުންސިލްތަކާއި ކުއްޔަށް ހިފި ފަރާތްތަކާއެކު މަޝްވަރާ ކުރެވިފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އަދި މި ބައްދަލުވުންތަކުގައި، އެ ބިންތައް ތަރައްގީ ނުކުރެވި ލަސްވުމަށް ދިމާވެފައިވާ ސަބަބުތައް އޮޅުންފިލުވައި އެކަންތައްތައް މިހާރު ވަނީ ހައްލުކުރެވިފައެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީ އިން އިތުރަށް ބުނީ، ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫއުތައް އެއްވެސް ހުއްޓުމެއްނެތި ހަލުވިކަމާއެކު ނިންމައި، އެކަމުގެ މަންފާ ރައްޔިތުންނަށް ލިބޭނެގޮތް ހޯދުން ކަމަށެވެ.