ދުނިޔެ

ސައުދީ ޖަލުތަކުގައި ތިބި 850 އިންޑިއާ މީހުން ދޫކޮށްލަނީ

Feb 21, 2019
1

ނިއު ދިއްލީ (ފެބްރުއަރީ 21) - ސައުދީ އަރަބިއްޔާގެ ޖަލުތަކުގައި ތިބި 850 އިންޑިއާ ރައްޔިތުން ދޫކޮށްލަން އެ ގައުމުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އިންޑިއާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ އެދިވަޑައިގަތުމަކަށް ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޭރުގެ ޖަލުތަކުގައި ތިބި އިންޑިއާ ގައިދީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ތިބީ ސައުދީ ޖަލުތަކުގައިކަމަށް އެގައުމުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިގޮތުން، މިދިޔަ ޖެނުއަރީ މަހާއި ހަމައަށް، މީހުން މެރުމާއި، ރަހީނުކުރުމުގެ އިތުރުން ރަލާއި މަސްތަކުވާތަކެތީގެ އެކި ކުށްތަކުގައި ޖުމްލަ 2،224 އިންޑިއާ ރައްޔިތުން ސައުދީގެ އެކި ޖަލުތަކުގައި ތިބިކަމަށް ފޮރިން މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އޭޝިއާގެ ތިން ގައުމަކަށް ވަލީއަހުދު ފަށްޓަވާފައިވާ ދަތުރުފުޅުތަކުގައި، ޕާކިސްތާނަށްފަހު ދެން ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާ އަށެވެ. އެއަށްފަހު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް ޗައިނާއަށް ވަޑައިގަންނަވާނެ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލެވުނު ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އާއި ގުޅިގެން ސީދާ ވަލީއަހުދަށް ކުރެވޭ ތުހުމަތުތަކާއެކު، ބައިނަލްއަގުވާމީ މައިދާނުގެ ނަޒަރުގައި އެމަނިކުފާނުގެ ތަސައްވަރު ބަދަލުކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމުގައި ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.