ހަބަރު

ރައީސް ޔާމީންގެ ބަންދު އަމުރުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

ރައީސް ޔާމީންގެ ވަކީލު އަބުދުﷲ ޝިޔާޒުގެ ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން މިހާރު ބަލައިގެންފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ކުރުމުގެ ދައުވާއެކެވެ. އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް، އެކި ފަރާތްތަކުގެ އެކައުންޓަކަށް ޖަމާކޮށްފައިވާ އިރު، އޭގެ ތެރެއިން އެއް މިލިއަން ޑޮލަރު ވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފަ އެވެ.

އެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީ އިން އެދުނީ އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގަ އެވެ.

ޝިޔާޒު ކުރައްވާފައިވާ ޓުވީޓް

ރައީސް ޔާމީން ވަނީ އެ ދައުވާއަށް އިންކާރުކުރައްވާފައެވެ. ރައީސް ޔާމީން މިވަގުތު އޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައި ރޫޓީން ޗެކްއަޕަކަށް 24 ގަޑި އިރަށް އޮބްޒަވޭޝަންގައި ބާއްވާފަ އެވެ. ރައީސް ޔަމީން މިނިވަންކުރުމަށް ގޮވާލާ ޕީޕީއެމްއާއި، ޕީއެންސީން ވަނީ ރޭ މުޒާހަރާވެސް ކޮށްފައެވެ.