ހަބަރު

ކުރިމަތިލާން ނިންމި އެއްވެސް ދާއިރާއެއް ދުލެއް ނުކުރަން: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކުރިމަތިލާން ނިންމި އެއްވެސް ދާއިރާއެއް، އެހެން ޕާޓީއަކަށް ދޫކޮށްލާފައި ނުވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ، ޖުމްހޫރީ ޕާޓީން މަޖިލީހުގެ 44 ދާއިރާއަކަށް ކުރިމަތިލާން ނިންމާ އޭގެ ތެރެއިން 42 ދާއިރާއެއްގެ ފޯމް އިލެކްޝަނަށް ހުށަހަޅާފައިވާ ކަަމަށެވެ. ބާކީ އޮތް ދެ ދާއިރާއަށް އެ ޕާޓީން ކުރިމަތިލައްވާ ދެ ކެނޑިޑޭޓުން އަމިއްލަ ގޮތުން ވާދަ ކުރަން ނިންމާފައިވާ ކަމަށެވެ.

ޖޭޕީގެ ޓިކެޓް ދޫކޮށް، އަމިއްލަ ގޮތުން ކުރިމަތިލާން ދެ ކެނޑިޑޭޓަކު ނިންމި ދާއިރާތަކަކީ ޅ. ކުރެންދޫ ދާއިރާއާއި، އދ. މަހިބަދޫ ދާއިރާ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ. އެ ދެ ދާއިރާ ދޫކޮށްލީ ވަކި ޕާޓީއަކަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ ހަގީގަތް އޮޅުވާލަން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަލީ ސޯލިހު އިތުރަށް ވިދާޅުވީ، ޖޭޕީން ކުރިމަތިލާ ކެންޑިޑޭޓުންނަށް އެހެން ޕާޓީތަކުން ތާއީދު ކުރުމަކީ ޖޭޕީން އެދޭ ގޮތް، ކަމަށާއި، އެ ޕާޓީތަކުން އެގޮތަށް ނިންމަނީ ޖޭޕީން ކުރިމަތިލާ ކެނޑިޑޭޓުންނަށް އެ ދާއިރާތަކުގައި އޮތް ތާއީދު ފެނި، އެހެން ބަޔަކަށް އެ ގޮނޑިތައް ނުލިބޭނެކަން އެ ޕާޓީއަކުން ގަބޫލު ކުރާތީ ކަމަށެވެ.