ހަބަރު

ހެލްމެޓް ބަހާ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި

ސަރުކާރުން ހިލޭ ބަހަން ނިންމާފައިވާ ހެލްމެޓު ލިބޭ ކޯހުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. އެކަމަށް ރެޖިސްޓާވާން ވަނީ އޮންލައިން ޕޯޓަލްއެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓްގައި ގާއިމްކޮށްފަ އެވެ.

ސަރުކާރުން ނިންމާފައިވަނީ ހިލޭ ހެލްމެޓް ލިބޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ ކުރު ކޯހެއް ފުރިހަމަ ކޮށްގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޭންޑް ޓްރާންސްޕޮޓޭޝަން ހެޑް މުހައްމަދު ރަފީއު ވިދާޅުވީ، ކޯހުގެ ތެރޭގައި ވަރަށް ގިނަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.

"ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ 5000 ހެލްމެޓް ބެހުމުގެ ވައުދު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް މިހާރުވަނީ ކޮށް ނިމިފަ، މިހާރު މިވަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތައް އެކަށައަޅައި އިއުލާންވެސް ކުރެވިފަ،" ރަފީއު ވިދާޅުވި އެވެ.

ޕްރެސްގައި ލޭންޑް ޓްރާންސްޕޯޓްގެ އެސިސްޓެންޓް ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ، އެވެއާނެސް ޕްރޮގްރާމަށް މިއަދު 12:00 ގައި ހުޅުވާލާފައިވާ ކަމަށެވެ.

"އެޕޯޓަށް ތުރޫކޮށް މިހާރު އޮންލައިންކޮށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރެވެމުންދަނީ، ގާތްގަނޑަކަށް މިހާ ހިސާބަށް 500 އަށްވުރެ ގިނަ މީހުން އޮންލައިންކޮށް ރެޖިސްޓާ ކޮށްފި،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ، ފުރަތަމަ ހުޅުވާލަނީ މާލެ ސަރަހައްދުގައި ލައިސެންސް ހުރި ފަރާތްތަކަށް ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް ބަހަން ނިންމާފައިވަނީ 2500 ހެލްމެޓް ކަމަށާއި އޭގެ އިތުރަށް ކުޑަކުދިންނަށް ހާއްސަ 500 ހެލްމެޓްވެސް ބަހަން ނިންމާފައިވާ ކަމަށެވެ.

"އެ 500 ހެލްމެޓް ބަހާނެ ގޮތަކާމެދު ފަހުން މައުލޫމާތު ހިއްސާ ކުރެވޭނެ، ދެން ޕޯޓަށް ތެރެއިން ނަންނޯޓްކުރާ ތަރުތީބުން އަޅުގަނޑުމެން އެވެއާނެސް ހިންގާނެ ދުވަހަކާއި ތަނެއް އެބޭފުޅުންގެ މޮބައިލް ތަކަށް އެސެމްސް އިން އަންގަމުން ގެންދާނަން، މިހާރު ތައްޔާރު ވަމުން މިދަނީ ކޮން ދުވަހެއްގައިތޯ އެވެއާނެސް ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ،" ނަޒީރު ވިދާޅުވި އެވެ.

އެވެއާނެސް ޕްރޮގްރާމްގެ ތެރޭގައި ހިމެނޭނީ މަގުމަތީގެ އަދަބުތަކާއި އުޅަނދު ފަހަރު ދުއްވުމުގައި ގެންގުޅެންޖެހޭ ގޮތްތަކާއި އުޅަނދު ދުއްވުމުގައި ރައްކާތެރި ގޮތްތައް ކިޔާދެވިގެންދާނެ ކަމަށެވެ. ހާއްސަކޮށް ސްޕީޑް ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ދެ ގަޑިއިރަށް ކަމަށާއި ބާއްވާނެ ތަނެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ. އަދި ބާކީ ހުރި 1500 ހެލްމެޓް ލާމާއި އައްޑޫގައި ބަހާނެ ކަމަށެވެ. އެކަމަށް ފަހުން ހުޅުވާލެވޭނެ ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ.