ހަބަރު

ޓްރާންސްޕޯޓްގެ ވެރިޔަކަށް ފިޔަވަޅު އަޅަން އޭސީސީއިން އަންގައިފި

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅަކު މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ތުހުމަތުވާ މައްސަލައެއްގައި ފިޔަވަޅު އެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އެ މިނިސްޓްރީއަށް އަންގައިފި އެވެ.

މީގެކުރިން ޓްރާންސްޕޯޓް އޮތޯރިޓީ ގޮތުގައި އޮތް އެތަނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވެ އެވެ. ޓްރާންސްޕޯޓްގެ މިނިސްޓްރީ އުފައްދައި މިނިސްޓަރު ކަމަށް އައިޝަތު ނަހުލާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވެސް އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ވެރިންގެ މައްސަލަތައް މިނިސްޓަރު އޭސީސީއަށް ހުށަހަޅަން ވެސް ހުށަހެޅުއްވި އެވެ.

އޭސީސީއިން މައްސަލަ ބަލައި ފިޔަވަޅު އަޅަން އަންގާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޝަރީފްގެ މައްޗަށެވެ. އޭނާއަކީ އެ އޮތޯރިޓީގެ އެޑްމިން ސެކްޝަނާ ހަވާލުވެ ހުންނެވި ފަރާތެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މަނިކު މިއަދު އަވަސްއަށް ވިދާޅުވީ ޝަރީފްގެ މައްސަލައެއް ބެލީ އޭނާ އިތުރު ގަޑީގެ ފައިސާ ނަހަމަ ގޮތުގައި ނަގާފައިވާ ކަމަށް ތުހުމަތުވާ ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އެނގިފައިވާ ގޮތުގައި ޝަރީފް ވަނީ ކޮންމެ މަހަކު ވެސް މަހު މުސާރައާ އެއްވަރަށް އިތުރު ގަޑީގެ ފައިސާ ނަގާފަ އެވެ.

އޭނާއަކީ މުސާރަ ޝީޓް ތައްޔާރުކޮށް ހުއްދަ ވެސް ދޭ ފަރާތަށްވާއިރު އެއީ މަގާމުގެ ޒިންމާ ނަހަމަ ގޮތުގައި ބޭނުން ހިފައި، މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުން ކަމަށް ނިންމައި އޭސީސީއިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ އެކަމާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އެޅުމަށް އަންގާފަ އެވެ. ނަމަވެސް އޭސީސީއިން އަޅަން ލަފާ ދީފައިވަނީ ކޮން ފިޔަވަޅުތަކެއް ކަމެއް ހަސަން ވިދާޅުވެއް ނުވެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ޝަރީފަށް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ލިބުނު ފައިސާ ދައުލަތުގެ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށް އޭސީސީއިން ވަނީ އަންގާފަ އެވެ. މިކަމާ ގުޅިގެން ޓްރާންސްޕޯޓްގެ މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ސަރުކާރުގައި ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށް ވިދާޅުވެ ކެމްޕެއިނެއް ފައްޓަވާފަ އެވެ. އޭގެ ދަށުން ބައެއް ފިޔަވަޅުތައް ވެސް އެމަނިކުފާނު ވަނީ އަޅުއްވާފަ އެވެ.