ހަބަރު

ޕީޖީ އާއި އެކްޓިން ސީޕީ މަޖިލިސް ކޮމިޓީއަށް ހާޒިރު ކުރަނީ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްދިނުމަށް އެދި ޕީޕީއެމް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް) ޕާޓީ އިން މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕީޕީއެމް އަދި ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ހުޅަހެޅި މައްސަލައެއް ކަމަށެވެ.

"ދިވެހި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގައިވާ ހައްގުތައް ކަށަވަރު ކޮށްދިނުން، 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުން، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު، 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން، 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުމާ ހިލާފުވާ މައްސަލައެއް،" އަލީ އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، އެ މާއްދާތަކާ ހިލާފަށް ފުލުހުން ހުށަހަޅައިގެން ސިޔާސީ ބޭނުމަށްޓަކައި އުފުލާފައިވާ ދައުވާއެއް ކަމަށާއި އެހެންކަމުން ރައްޔިތުން މަޖިލީހުގެ 123 ވަނަ މާއްދާގެ ދަށުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ޕީޖީ ބިޝާމް ހާޒިރުކޮށް އެމައްސަލަ ކުރިއަށް ގެންގޮސްދިނުމަށްއެދި ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ ހުށަހެޅުމަށް ސޮއި ކުރެއްވީ އޭނާގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، އެކްޓިން ސީޕީ ހަމީދުވެސް މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ ދަށުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށްވެސް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލާގައި އާރިފްގެ އިތުރުން ސޮއި ކޮށްފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ކަންކަމުގައި ހުރިހާ މެންބަރުންގެ ވެސް އެއްބާރުލުން ލިބިގެންދާނެ ކަމަށާއި ހުރިހާ މެންބަރުންވެސް ތިބީ ވަރަށް ފޯރިއާ ޖޯޝާއެކު ކަމަށް އާރިފް ވިދާޅުވި އެވެ.