ހަބަރު

ކެނޑިޑޭޓުންނާ ދެކޮޅަށް ކުރިމަތިލާނަމަ ފިޔަވަޅު އަޅާނަން: ޕީޕީއެމް/ޕީއެންސީ

ޕީޕީއެމާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީއާ ޑީއާރްޕީ އަދި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ތާއީދުކުރާ ކެނޑިޑޭޓުން ނިކުންނަ ދާއިރާއަކަށް ކޯލިޝަންގެ އެއްވެސް ކެނޑިޑޭޓަކު އަމިއްލަ ގޮތުން ކުރިމަތިލާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމާއި ކޮންގްރެސް ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ އިން ވަރަށް ގިނަ ދާއިރާތަކަށް ކުރިމަތިލާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކޯލިޝަންގެ ޕާޓީއަކުން ރަސްމީކޮށް ވާދަކުރާ ދާއިރާއަކަށް މިކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއެއްގެ މެންބަރަކު އަމިއްލަ ގޮތުން ކުރިމަތިލައިފި ކަމަށް ވަންޏާ އެމީހަކާ ދޭތެރޭގައި ޕާޓީގެ އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ކޯލިޝަނުން ތާއީދުކުރާ ކެނޑިޑޭޓަކު ހުރި ދާއިރާއަކަށް ކުރިމަތިލާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބަށް ކޯލިޝަންގެ ގޮތުގައި ނިކުންނަން ނިންމާފައިވަނީ ޕީޕީއެމާއި ޑީއާރްޕީ އަދި ކޮންގްރެސް ޕާޓީ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ބައެއް ކެނޑިޑޭޓުންނަށްވެސް ތާއީދު ކުރަން ވަނީ ނިންމާފަ އެވެ.

އަދުރޭ ވިދާޅުވީ، ކޮންމެ ބޭފުޅަކު ނިކުތް ނަމަވެސް އެދާއިރާގައި ކޯލިޝަން ކެނޑިޑޭޓެއް ހުރިނަމަ ކޯލިޝަން ކެނޑިޑޭޓް ނޫން ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށެވެ. އަދި ޖޭޕީގެ އިތުރުން އެހެން ޕާޓީތަކުގެ ކެނޑިޑޭޓުންނަށްވެސް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމް އަދި ކޮންގްރެސް ޕާޓީ އިން ކުރިން ޓިކެޓް ހަވާލުކުރި ބައެއް ފަރާތްތަކުގެ އަތުން ޓިކެޓް އަތުލުމަށްފަހު ޖޭޕީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރަން ވަނީ ނިންމާފަ އެވެ. އެކަމާ ގުޅިގެން ޓިކެޓް އަތުލާފައިވާ ބައެއް ކެނޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ކުރިމަތިލާން ނިންމާފަ އެވެ.

ކުރީިގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދުވެސް ވަނީ އަމިއްލަ ގޮތުން ހުޅުމާލެ ދާއިރާއަށް ވާދަ ކުރައްވަން ނިންމާފަ އެވެ. އެދާއިރާއަށް ޕީޕީއެމް ކޯލިޝަނުން ނެރޭ ކެނޑިޑޭޓަކީ އިބްރާހިމް ފައިސަލް އެވެ. ފައިސަލް އަކީ އަދުރޭގެ ދަރި އެކެވެ.

އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ، އަޒްލީން ވިޔަސް އަދި އެހެން ބޭފުޅެއް ނަމަވެސް ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށެވެ.