ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.
ޕީޕީއެމާއި ކޮންގްރެސް ޕާޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، މާރިޔާގެ އިތުބާރުނެތް މައްސަލަ މިއަދުގެ ވަގުތެއްގައި ވައްދާނެ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެކަމަށް ތައްޔާރު ކުރަންޖެހޭ ކަރުދާސްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބު ދާރީ ކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ މިނިސްޓަރު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައިި ކުރިޔަށް އޮތްތަނުގައި ފޮރިން މިނިސްޓަރާއި އެހެނިހެން މިނިސްޓަރުގެ އަމަލުތަކާއި ވާހަކަތައް ވެސް ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ. އެއަށް ފަހު ފަހަރަކު މީހެއްގެ ފަހަތުން ދާނެ ކަމަށާއި އެންމެން ހަމަ މަގަށް އެޅުމުގެ މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
މިިނިސްޓަރު މާރިޔާއާމެދު މި ފަހުން އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އިންޑިޔާއަށް ރާއްޖެ ހިފިދާނެ ކަމަށް އިންޑިޔާގެ މީޑިއާއަކަށް ދެއްވި އިން ވިދާޅުވި މައްސަލައިގަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވެފައި ވަނީ އެ ވާހަކަތައް ފަތުރީ މާނަ އޮޅޭ ގޮތަށް ސިޔާސީ ބޭނުމެއްގައި ކަމަށެވެ.