ހަބަރު

ޝަރީއަތަކާ ގުޅިގެން ޕީޖީ މަޖިލީހަށް ހާޒިރު ނުކުރެވޭނެ: ފާއިޒު

ކޯޓެއްގައި ހިންގަމުންދާ ޝަރީއަތަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުގެ އިހްތިސޯސް ނޯންނާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ.

ފާއިޒް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން ޕީޕީއެމްއިން ހުށަހަޅާފައިވާތީ އެވެ.

ފާއިޒް މިއަދު ފޭސްބުކްގައި ލިޔުއްވި ގޮތުގައި ޝަރުއީ ކޯޓެއްގަ ހިނގަމުންދާ މައްސަލައަކާ ގުޅޭ ކަމެއްގެ ގާނޫނީ ސައްހަކަން ބެލުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ޕްރޮސިކިއުޓާ ޖެނަރަލް ޖަވާބުދާރީކުރުމަކީ އެ މަޖިލީހަށް ލިބިގެންވާ އިހްތިސޯސެއް ނޫން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސިޔާސީ ބޭނުމަށްޓަކައި ކަމަށާއި އެހެންކަމުން ރައްޔިތުން މަޖިލީހުގެ 123 ވަނަ މާއްދާގެ ދަށުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ޕީޖީ ބިޝާމް ހާޒިރުކޮށް އެމައްސަލަ ކުރިއަށް ގެންގޮސްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގައިވާ ހައްގުތަކާ ހިލާފުވާ މައްސަލައެކެވެ. އޭނާ ވަނީ އެ މައްސަލާގައި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ކޮމެޓީއަށް ހާޒިރުކުރަން ހުށަހަޅާފަ އެވެ.