ހަބަރު

ވޯޓު ދޭންވީ ޕާޓީއަކަށް ނޫން، ގާބިލް މީހުންނަށް: އަލްހާން

Feb 21, 2019
3

ވަކި ސިޔާސީ ޕާޓީއަކަށް މެޖޯރިޓީ ދޭން ނުޖެހޭ ކަމަށާއި ބޭނުން ވަނީ ރައްޔިތުން ތަމްސީލް ކުރާނެ ބަޔަކު މަޖިލީހަށް ދިޔުން ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވައި އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިރޭ އަލްހާން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، މަޖިލިސް މެންބަރުންގެ ބޭނުމަކީ ސަރުކާރުން ވެފައިވާ ވައުދުތައް ހަމަހަމަކަމާއެކު ފުއްދާތޯ ބެލުން ކަމަށެވެ. އެ މެންބަރުންނަކީ ވަކި ޕާޓީއެއްގެ ވަކި ކުލައެއްގެ މެންބަރުންނަށް ވާން ނުޖެހޭ ކަމަށެވެ.

"މަޖިލިސް މެންބަރުން މަޖިލީހުގައި ވޯޓު ދޭން ޖެހޭނީ ވެސް ރައްޔިތުންގެ މަސްލަހަތުގައި، ވަކި ޕާޓީއަކަށް ނޫނީ ވަކި ޕާޓީއެއްގެ ވިޕަކަށް ނޫން، އެހެންނަމަވެސް ޕާޓީތަކުގައި ތިބޭއިރު ޕާޓީގެ ނިންމުންތަކަށް ތަބާނުވާށެކޭ ވެސް ނޫން މި ދަންނަވަނީ،" އަލްހާން ވިދާޅުވި އެވެ.

"ތިލަފަތަށް ވޯޓު އެޅޭކަށް ނޯންނާނެ، ވޯޓު ދޭން ޖެހޭނީ މީހުންނަށާއި ވިސްނުމަށާއި ފިކުރަށް، ކަން ކުރެވޭ ވަރުގެ މީހުންނަށް، އަޅުގަނޑު އަބަދުވެސް ރައްޔިތުންގެ ހައްގުގައި އަޑު އުފުލާ މީހަކަށް ވާނެ،"

އަލްހާން ވިދާޅުވީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބޭނީ ރައްޔިތުން ނުކުމެގެން ކަމަށެވެ. ރައްޔިތުން އުޅެމުން ދަނީ ވަރަށް ނިކަމެތިކޮށް ކަމަށާއި އެހެންވެ ސަރުކާރަށް ގޮވާލަން ބޭނުން ވަނީrައްޔިތުންގެ ދަތިތައް އަވަހަށް ހައްލުކޮށް ދިނުމަށް ކަމަށެވެ.

"ހެންވޭރު އުތުރުގައި އަދާޔާ ހިލާފަށް އެބައޮތް ގެދޮރުގެ ދަތިކަން، ދިރިއުޅޭނެ ތަން ނެތް މީހުން ގިނަ އަދަދެއްގެ މީހުން ފުނި ޖެހިގެން އެބަ އުޅޭ،" އަލްހާން ވިދާޅުވި އެވެ.

ގެދޮރުވެރިކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ހުރި ދަތިތައް ފިލުވައިދެއްވުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި ވަޒީފާ ނުލިބޭ ގިނަ ޒުވާނުން ވެސް ތިބިކަން ފާހަގަކުރައްވައި އެކަން ހައްލުކޮށް ދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

އޭގެއިތުރުން ދަފުތަރު އުވާލައި، އޭގައި ތިބި މީހުންނަށް އެންމެ އިސްކަމެއް ދީގެން ގެދޮރުވެރިކޮށް ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ. އެމީހުން ރެފިއުޖީންގެ ގޮތުގައި ނުގެންގުޅެވޭނެ ކަމަށާއި އެމީހުންނާމެދު އިހުމާލުވާނަމަ އިހުތިޖާޖަށް ވެސް ނުކުންނަވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

"އެހެންވީމަ ރައްޔިތުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާފަ ނިންމާ ގޮތަކަށް ނޫން މި އަންނަނީ، އަޅުގަނޑު މި އަންނަނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އޭނާ އިންތިހާބަށް ނުކުމެ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދާއެކު ކަމަށެވެ. ސަރުކާރު ވައްޓާލުމަށް އޭނާ ނުނުކުންނާނެ ކަމަށެވެ. އެކަމަކު ރައްޔިތުންނާ ގެއްލުވާނަމަ އެކަމާ ދެކޮޅަށް ނުކުންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.