ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: ނަބަވީ ޝަޚުޞިއްޔަތު

އެޑިޓަރުގެ ނޯޓް: ގއ. މާމެންދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރާއްޖެ ދުށް ވަރަށް ބޮޑު އިލްމުވެރިއެކެވެ. ދިވެހިންގެ ފަހުރެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާކަން އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖޭގެ އިލްމީ ދަނޑުގައި އަގު އަދާ ނުކުރެވެނެ ގިނަ މަސައްކަތްތަކާއި ހިދުމަތް ކުރައްވާފައިވާ އަދި ސިޔާސީ މައިދާނުގައި އުސް ހިސާބަކަށް ދަތުރު ކުރެއްވެވި ޝަހީމް މިހާރު ހުންނެވީ މުސްލިމު ގައުމުތަކުގެ ޖަމިއްޔާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގަ އެވެ. އެ މަނިކުފާނު އެ ވަޒީފާގެ މަސައްކަތުގައި ޖިއްދާގައި ހުންނަވާއިރު ހުސްވަގުތު ހޯއްދަވައިގެން މިހާރުވެސް ލިޔުއްވައި ރިސާޗް ކުރައްވަ އެވެ. ތިރީގައި އެވަނީ "ޖިއްދާއިން މާލެއަށް" އެ ނަމުގައި އެ މަނިކުފާނު ސިލްސިލާކޮށް އަވަސްގައި ލިޔުއްވާ މަޒޫމުނުތަކުގެ ލިޔުމެވެ. --

އެއީ މުޙައްމަދު ބުނު ޢަބްދުﷲ ބުނު އަބްދުލްމުއްޠަލިބު ބުނު ޙާޝިމް ބުނު ޢަބްދު މަނާފެވެ. ސަލާމްލެއްވި އިބްރާހީމްގެފާނުގެ ދަރިކަލުން ސަލާމްލެއްވި އިސްމާޢީލްގެފާނުގެ ދަރިކޮޅުގެ ޤުރައިޝު ވަންހައިގެ އެންމެ ޝަރަފްވެރި ޚާންދާނެވެ. ޢަރަބިކަރައިގެ ޝާނާއި ޝައުކަތާއި ޒަޢާމަތުގެ މައި ކިއްލާ އެވެ. ގެފުޅުގެ ޚިދުމަތްތެރިންނެވެ. މައްކާގެ އަޝްރާފުންނެވެ. ޒަމްޒަމް ފެންވަޅުގެ ބެލެހެއްޓުންތެރިންނެވެ. ޙައްޖާޖީންނަށް ފެންދިނުމާއި ކާންދިނުމާއި ނިކަމެތިނަށް އެހީތެރިވުމުގެ ރިވެތި އަޚްލާޤެއް އޮތް ޚާންދާނެކެވެ. ފާރިސް ކަރައާއި ރޫމް ކަރައާއި ޙަބުޝް ކަރައިގެ އަހުލުވެރިންނަށް ވެސް މަޝްހޫރު ވެފައިވާ ޢާއިލާ އެކެވެ.

ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވޭ ބޭކަލަކު ވާނީ ހަމަ ކަށަވަރުން ވެސް ވަރަށް މަތިވެރި ޝަޚުޞިއްޔަތަކަށެވެ. ޙަސަބާއި ނަސަބުގެ ގޮތުންނާއި އަޚުލާޤީ ގޮތުން ނުހަނު މަތިވެރި ސިފަތަކެއް ލިބިވަޑައިގެންފައިވާ ބޭކަލަކަށެވެ. މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރުގަދަ ޝަޚްޞިއްޔަތަކަށްވުމަށް މެދުވެރިވި އިންސާނީ އަދި އިޖުތިމާއީ ބައެއް ޙާލަތްތަކާ އެކަލޭގެފާނުގެ ތުއްޕުޅުއިރު ބައެއް ހަނދާންތަކުގެ މައްޗަށް މި މަޒްމޫނުގައި އަލިއަޅުވާލަން ޤަސްތު ކުރަމެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންމާފުޅަކީ އާމިނަތު ބިންތު ވަހަބެވެ. ބައްޕާފުޅަކީ އަބްދުﷲ ބުނު ޢަބްދުލްމުއްޠަލިބެވެ. އިތުރު އެކަލޭގެފާނުގެ ހަނދާންތަކުގެ ތެރެއަށް އަޅުގަނޑުމެން ދާއިރު އެންމެ ފުރަތަމަވެސް ލިބިގެންދާނެ ޚަބަރަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމުގެ ދުވަސްތަކެއް ކުރިން އެކަލޭގެފާނަށާއި މަންމާފުޅަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ހިތާމަވެރި ކަމުގެ ވާހަކަ އެވެ. އެއީ އާމިނަތުގެފާނު މުޙައްމަދުގެފާނަށް އާލާސްވެ އިންނަވަނިކޮށް އަބްދުﷲގެފާނު އަވަހާރަވި ކަމުގެ ވާހަކައެވެ.

ކުއްޖަކު ދުނިޔެއަށް އައުމުގެ މަގުމަތީގައި ވަނިކޮށް އެކުއްޖެއްގެ ބައްޕަ ދުނިޔެ ދޫކުރުމަކީ އެކުއްޖާއާއި އެކުއްޖާގެ މަންމައަށް ލިބޭނޭ ކިހާ ބޮޑު ނިކަމެތި ކަމަކަށްވާނެތޯ އެވެ؟ މުޙައްމަދުގެފާނު ތުއްޕުޅު އިރު މި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ ކޮންފަދަ ބޮޑު ހިތާމައަކާތޯ އެވެ؟

އެކަލޭގެފާނުގެ ލޮބުވެތި ބައްޕާފުޅު ދެކެވަޑައިގަތުމުގެ ނަސީބު އެކަލޭގެފާނަށް ލިބިވަޑައިނުގެންނެވި އެވެ. ބައްޕާފުޅުގެ ހިނިތުންވުމާއި އޯގާތެރިކަން ވެސް ލިބިވަޑައި ނުގެންނެވި އެވެ. މި ހިތާމަވެރި ކަންކަމަކާ އެކު މައްމާފުޅުގެ މަތިވެރި ލޯތްބާއި އޯގާތެރިކަމުގެ ބަގީޗާގެ ތެރޭގައި ބޮޑުފުޅުވެވަޑައިގަންވަމުން ގޮސް އުމުރުފުޅުން ހަ އަހަރުފުޅުގައި އެކަލޭގެފާނުގެ މަންމާފުޅާއި މަންމާފުޅުގެ ޚާދިމާއެއްގެ ގޮތުން މަސައްކަތް ކުރެއްވި އުންމު އައިމަންގެ އަރިހުގައި މަދީނާގައި ދިރިއުޅުއްވާ މައްމާފުޅާ ތިމާގެފުޅު އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރެއްވުމަށް ދަރުތުރުފުޅެއް ކުރެއްވިއެވެ.

މި ދަތުރުފުޅު ވެގެން ދިޔައީ އަނެއްކާވެސް އާދަޔާޚިލާފު ހިތާމަވެރި ޞަފްޙާއެއް ހުޅުވިގެންދިޔަ ދަތުރުފުޅަކަށެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މައްކާއަށް ވަޑައިގެންނެވި މަގުމަތީގައި އިތުރު އެކަލޭގެފާނުގެ ލޮބުވެތި މައްމާފުޅު އާމިނަތުގެފާނު ދުނިޔެ ދޫކުރައްވައިފި އެވެ. ކޮން ފަދަ ހިތާމަވެރިކަމެއްތޯ އެވެ؟ އެ މާތް ތުއްޕުޅު ދަރިކަލުން މުޙައްމަދު ދުނިޔެއަށް ވަޑައިގަތުމުގެ ކުރިން ބައްޕާފުޅު އަވަހާރަވީ އެވެ. އަދި މައްމައެއްގެ ލޯބި އެންމެ ބޮޑަށް ލިބިވަޑައިގަންނަވަން ޖެހުނު ވަގުތު މައްމާފުޅު ދުނިޔެ ދޫކުރެއްވީއެވެ. ދަތުރެއްގެ މަތީގަ އެވެ. މި ހިތާމަވެރި ޙާލަތާއެކު އިތުރު އެކަލޭގެފާނު އެނބުރި މައްކާއަށް ވަޑައިގެންނެވީ މަންމާފުޅުގެ ޚާދިމާ އުންމު އައިމަންގެ އަރިހުގަ އެވެ.

ޤުރައިޝް ވަންހައިގެ އެންމެ ޝަރަފްވެރި ޤަދަރުވެރި ޢާއިލާގެ ތެރެއިން އުފަންވެވަޑައިގެންނެވި މި ތުއްޕުޅު ދަރިކަލުންނާ މެދު ކަންކަން ވަމުންދާ ގޮތުން ﷲ ގެ މަތިވެރި ތަދުބީރެއް މިކަމުގެ ފަހަތުގައި އޮވެދާނެ ކަމަށް ކާފާފުޅު ޢަބްދުލްމުއްޠަލިބަށް ވިސްނިވަޑައިގަތެވެ. ތުއްޕުޅު ކާފަ ދަރިކަލުން މުޙައްމަދު ނިކަމެތިވެގެންދިޔަ ނުދެއްވާނެ ކަމަށް ޢަޒުމް ކަނޑައަޅުއްވައި އަބްދުލްމުއްޠަބުގެ ކަފާލަތުގެ ދަށަށް ގެންދެވި އެވެ. އަދި އަބްދުލްމުއްޠަލިބުގެ އަމިއްލަފުޅު ދަރިދަރިކަލުންނަށް ވުރެ ތުއްޕުޅު މުޙައްމަދުގެފާނު ދެކެ ލޯބިފުޅުވެލައްވަ އެވެ. އަދި އެ ކާފަ ދަރިކަލުން ފެނިވަޑައިގަންވާ ކޮންމެ ހިނދެއްގައި މޫނުފުޅުން ފެނިވަޑައިގަންނަވާ އުޖާލާކަމުން ޢަބްދުލްމުއްޠަލިބުގެ ހިތްޕުޅަށް އުފާވެރިކަމާއި ތަނަވަސްކަން ވަދެއެވެ.

މި ދަރިކަލުންނަށް އާދަޔާ ޚިލާފު ޝަރަފަކާއި ޢިއްޒަތެއް މާތް ﷲ މިންވަރު ކުރައްވަފާނޭކަމުގެ އިޙުސާސްތައް ކުރެވެމުން ދިޔައެވެ. މާގިނަ ދުވަސް ތަކެއް ނުވަނީސް ޢަބްދުލްމުއްޠަލިބު ދުނިޔެ ދޫކުރައްވައިފި އެވެ. ދެން އެ ތުއްޕުޅު މުޙައްމަދުގެފާނުގެ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެ ކަފާލަތުގެ ދަށަށް ގެންދަވައިފޫ އެވެ. އަބޫޠާލިބުގެ ހިތްޕުޅުގައި މުޙައްމަދުގެފާނާ މެދު ނުހަނު މަތިވެރި މަޤާމެއް ދެވިފައިވެއެވެ. ބައްޕާފުޅާއި މައްމާފުޅާ ކާފާފުޅު ވެސް ދުނިޔެ ދޫކުރައްވާފައި ޔަތީމު ޙާލުކޮޅުގައިވާ ތުއްޕުޅު މުޙައްމަދުގެފާނަށްޓަކައި އަބޫޠާލިބުގެ ހުރިހާ ކަމެއް ޤުރުބާންކުރައްވަމުން ގެންދެވިއެވެ. ދިރިއުޅުމުގެ ޙަޔާތުގެ ކަންކަން ދަސްކޮށްދެއްވައި އަބޫޠާލިބުގެ އޯގާތެރިކަމުގެ ހިޔާވަހިކަމުގެ ދަށުގައި މުޙައްމަދުގެފާނު ދުވަސްތައް ހޭދަކުރައްވަމުން ގެންދިޔައެވެ.

މުޙައްމަދުގެފާނުގެ ޝަޚުޞިއްޔަތު ހަރުދަނާ ޝަޚްޞިއްޔަތެއްގެ ގޮތުގައި ތަރުބިޔަތުވެގެންދިއުމުގެ ފަހަތުގައި ޙިކުމަތުން ފުރިގެންވާ ސިއްރުތަކެއް ވެއެވެ. މީގެ އެންމެ ފުރަތަމަ ސިއްރަކީ ﷲ ގެ މަތިވެރި ރަޙުމަތެވެ. މުޙައްމަދުގެފާނަކީ ފަހު ޒަމާނުގެ ނަބިއްޔާއަށް ވުމަކީ އަޒަލުގައި ތަޤުދީރު ކުރެވިގެންވާ ކަމެއްކަމުން، އެކަލޭގެފާނު ތަރުބިޔަތުވެގެން އައީ ﷲ ގެ މަތިވެރި އޯގާވަންތަކަމުގެ ދަށުންނެވެ.

މިވާހަކަތައް އައްޟުޙާ ސޫރަތުގައި ﷲ ބަޔާންކުރައްވާފައިވެއެވެ. އެއްވެސް ޙާލެއްގައި ﷲ އެކަލޭގެފާނު ދެކެ ކޯފާވެވޮޑި ނުގަންނަވާނެކަމާއި ނިކަމެތި ޙާލުކޮޅުގައި ވަނިކޮށް ތަނަވަސް ކަން ދެއްވި ކަމާއި އަދި އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ ނިޢުމަތް އެކަލޭގެފާނަށް ދެއްވެވި ކަމާއި ދުނިޔެއަށް ވުރެ އާޚިރަތުގައި އެކަލޭގެފާނަށް ހުރި ނިޢުމަތްތަކުގެ ބޮޑުކަން ބަޔާން ކުރައްވާފައިވެ އެވެ. އަދި ޔަތީމު ކުދިންނަށް ހެޔޮކޮށް ހިތުމަށާއި ބޭނުން ޖެހިފައިވާ މީހުންނަށް އަޅައިލުމަށް އެކަލޭގެފާނަށް އެ ސޫރަތުގައި މާތް ﷲ ވަޞިއްޔަތް ކުރައްވާފައި ވެއެވެ.

މުޙައްމަދުގެފާނު ޝަޚްޞިއްޔަތު ޤިޔާދީ ސިފަތަކުގެ މައްޗަށް ތަރުބިޔަތުވެ ލީޑަޝިޕް އުފެދުމަށް އަސަރު ކުރުވި އިޖުތިމާޢީ އަދި އިންސާނީ ކަންކަމުގެ ތެރޭގައި:

1
 

ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވެ ވަޑައިގަތުން

ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވެވަޑައިގަތުމުގެ ސަބަބުން އިންސާނީ އޯގާތެރިކަމުގެ މަތިވެރި ޝުޢޫރުތައް އެކަލޭގެފާނުގެ ހިތްޕުޅުގައި ޤަރާރުވި އެވެ. އަދި އެފަދަ ކުދިންގެ އިޙުސާސްތައް ހުންނާނެގޮތް ދަސް ކުރެއްވުނެވެ. އެފަދަ ކުދިންނަށް އަޅާލުމުގެ މުހިންމުކަން ދަސް ކުރެއްވިއެވެ. އޯގާތެރިކަމުގެ އިންސާނީ އެންމެހާ އިޙުސާސްތަކެއް އެނގިވަޑައިގެންނެވިއެވެ.

2
 

ޝަރަފްވެރި ޢާއިލާއަށް ނިސްބަތްވުން

ޢާއްމު ގޮތެއްގައި ޝަރަފްވެރި ޢާއިލާތަކުގެ ތެރޭގައި އަބުރުވެރިކަމާއި ރިވެތި އަޚުލާޤު އޮވެއެވެ. ޤުރައިޝު ވަންހައިގެ ޢާއިލާގެ ތެރޭގައި އުޅެ ބޮޑުފުޅުވެޑައި ގަތުމުގެ ސަބަބުން ގިނަގުނަ ރިވެތި ސިފަތަކެއް ދަސްކުރެއްވި އެވެ.

3
 

ޒަޢީމުންގެ އަރިހުގައި ބޮޑުފުޅުވުން

ކާފާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުގައި ބޮޑުފުޅުވުމުގެ ސަބަބުން ވަރަށް ގިނަ ޤިޔާދީ (ލީޑަރޝިޕް) ގެ ސިފަތަކުގެ މައްޗަށް ތަރުބިޔަތުވެ ވަޑައިގެނެވި އެވެ. ޢަބްދުލްމުއްޠަލިބުގެފާނާއި އަބޫޠާލިބުގެފާނަކީ ޤުރައިޝުންގެ ދެ ޒަޢީމުން ކަމުން އެ ދެބޭކަލުންގެ އަރިހުގައި މުހައްމަދުގެފާނު ވަގުތު ހޭދަކުރެއްވި އިރު، ޒަޢާމަތެއްގެ ގިނަ ކަންކަން ފެނިވަޑައިގެންފައިވާނެ އެވެ. ވެރިންގެ ފެންވަރުގައި މީހުންނަށް އިސްތިޤުބާލު ކުރައްވާ ގޮތާއި މީހުންނާ މުޢާމަލާތް ކުރައްވާ ގޮތްތައް ދަސް ކުރެއްވި އެވެ.

4
 

ރަށްފުށުގެ ގުޅުންތައް

ކިރުމައިކަމަނާ ޙަލީމަތުގެފާނާއި އެކަމަނާގެ ޢާއިލާއާއެކު މުޙައްމަދުގެފާނު ތުއްޕުޅު އިރުގެ ދުވަސްތައް ހޭދަ ކުރެއްވުމުގެ ސަބަބުން އުފެދިގެންދިޔަ ގުޅުމަކީ ރަށްފުށު ޙާލަތާއި މީހުންގެ ޢާދަކާދަތައް ދަސްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތެކެވެ. ކީރިތި ރަސޫލާގެ މުޅި ޙަޔާތްޕުޅުގައި ވެސް އެ ޢާއިލާއާ ވަރަށް ހެޔޮ ގުޅުމެއް ބާވާފައި ވެއެވެ.

5
 

ދިރިއުޅުމަށް މަސައްކަތްކުރެއްވުން

ބޮޑު ބޭބޭފުޅުގެ ކަފާލަތުގެ ދަށުގައި ހުންނެވި ނަމަވެސް ބޮޑުބޭބޭފުޅަށް ވެސް އެހީތެރިވުމުގެ ގޮތުންނާއި އަމިއްލަފުޅު ކަންކަން އަމިއްލަފުޅަށް ކުރެއްވުމަށް ބޭނުންފުޅުވާ ޚަރަދުތައް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވި އެވެ. މިގޮތުން ބަކަރި ހުއި ހެއްޕެވުމާއި އުޖޫރައަށް މަސައްކަތް ކުރެއްވުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި އުޅުއްވިއެވެ. ބަކަރި ހުއިހެއްޕުމަކީ މީހާގެ ޝަޚުޞިއްޔަތުގައި ކެއްތެރިކަން އުފެދޭ ކަމެކެވެ. އަދި ހީވާގިކަމާއި މުރާލިކަން އުފެދާ ކަމެކެވެ. އެ ޒަމާނުގައި ދިރިއުޅުމަށްޓަކައި ކުރެވުނު އެއްމެ މުހިންމު އެއް މަސައްކަތަކީ އެއީ އެވެ. އަދި ވިޔަފާރި ޤާފިލާތަކާއެކު ދަތުރުކުރެއްވިއެވެ. މީގެ ސަބަބުން މީސްތަކުންނާ މުޢާމަލާތުކުރާނެ ގޮތްތައް ދަސްކުރެއްވުނެވެ. އެކި މީސް މީހުންގެ ތަފާތުތަކާ ޠަބީޢީ ޙާލަތްތައް ދެނެވަޑައިގަނެވުނެވެ. މުޙައްމަދުގެފާނުގެ ތެދުވެރިކަމުން މީސްތަކުންގެ ހިތްތަކުގައި އިތުރު މަޤުބޫލުކަމެއް އުފެދިގެން ދިޔައެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ސަބަބުން މުޙައްމަދުގެފާނުގެ ޝަޚުޞިއްޔަތުގައި ވަރަށް ހަރުދަނާ ސިފަތަކެއް އުފެދިގެންދިޔައެވެ. އަދި އެންމެ ޒުވާން ޢުމުރުފުޅުން ފެށިގެން މައްކާގެ ރައްޔިތުންގެ ހިތްތަކުގައި އެކަލޭގެފާނަށް ޚާއްޞަ ލޯތްބަކާ އިޙުތިރާމެއް އުފެދިފައި އޮތެވެ. އެއީ އެކަލޭގެފާނުގެ ޢަޒުމްފުޅު ވަރުގަދަކަމުންނާއި ރިވެތި އަޚުލާޤުގެ ފުރިހަމަކަމުންނާއި ތެދުވެރިކަމުގެ ސަބަބުންނެވެ. ދެން އަންނަ މަޒްމޫނެއްގައި ބަޔާން ކުރާނީ އެކަލޭގެފާނުގެ އުފާވެރި އަލަތު ކައިވެނިފުޅުގެ ވާހަކަ އެވެ.