އެމްއެމްޕީއާރްސީގެ ހިޔާނާނުގެ ރިޕޯޓް ނެރުމުގައި އަމަލު ކޮށްފައިވާ ގޮތުން ނުބައި ތަސައްވަރެއް އުފެދިފައިވާތީ އެ މައްސަލައާއި ގުޅިގެން މަގާމުން ސަސްޕެންޑްކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް (ޕިރަމިޑް މައުސޫމް) އޭނާގެ ބައި ތަހުގީގު ކޮށް ދިނުމަށް އެދިވަޑައިގެންފި އެވެ.
މައުސޫމް ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭސީސީގެ ރިޕޯޓްގައި، އެސްއޯއެފް
ކިޔާ ކުންފުންޏަކުން އޭނާގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކާއެކު ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި އެއިން އެއްވެސް މުއާމަލާތަކީ ކޮރަޕްޝަންގެ އަމަލެއްކަން ނުވަތަ ނޫންކަން އަދި އެއިން އެއްވެސް އަމަލަކީ ގާނޫނާއި ހިލާފު އަމަލެއްކަން ނުވަތަ ނޫންކަން ވެސް އެ ރިޕޯޓްގައި ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ.
އެއިން އެއްވެސް ކަމަކަމާއި ގުޅޭގޮތުން އޭސީސީގެ ފަރާތުން މިހާތަނަށް އޭނާއާ އެއްވެސް
ސުވާލެއްކޮށް ބަޔާނެއް ނަގާފައި ވެސް ނުވާ ކަމަށާއި، އޭސީސީގެ ރިޕޯޓް ނެރެފައިވާ ގޮތުގެ ސަބަބުން އާއްމު ރައްޔިތުންގެ ތެރޭގައި އޭނާއާއި ދޭތެރޭ ނުބައި ތަސައްވަރެއް އުފެދިދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި އެއިން އެއްވެސް ކަމެއްގައި އޭނާގެ ފަރާތުން ގާނޫނާއި ހިލާފަށް ނުވަތަ ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އަދި ބުނެފައި ވަނީ އޭނާގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކާއެކު އެސްއޯއެފް އިން ކޮށްފައިވާ އެއްވެސް މުއާމަލާތެއްގައި ގާނޫނާއި ހިލާފު ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް މުއާމަލާތެއް ކޮށްފައިވޭތޯ ތަހުގީގުކޮށް، އަދި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ދައުރެއް އޮތްތޯ ނުވަތަ ނެތްތޯ އާއްމުކޮށްދީ ސާފު ކޮށްދިނުމަށް، އޭސީސީގައި އާއި މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ބައެއް ނޫސްތަކުގައި މައުސޫމަކީ އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ ދާރެއްކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެއީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށާއި މީގެ 20 އަހަރު ކުރިން އެމްސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް އޭނާގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އޭނާއަކީ ވަރަށް ގިނަ ވިޔަފާރިތައް ކުރާ ގިނަ ކުންފުނިތަކެއްގެ ޝެއާ ހޯލްޑްކުރާ ފަރާތެއް ކަމަށްވެސް އެބަޔާނުގައި ބުނެ އެވެ.
ސީޖީޓީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވާހަކަވެސް ނޫސްތަކުގައި އައި ކަމަށާއި އެކުންފުނީގައި އޭނާގެ ދައުރަކީ ސައިލެންޓް ޝެއާ ހޯލްޑަރެއްގެ ދައުރު ކަމަށާއި އެ ކުންފުނީގެ ދުވަހުން ދުވަހުގެ މުއާމަލާތްތަކުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށްވެސް ބަޔާން ބުނެ އެވެ.