ހަބަރު

ކެންޑިޑޭޓުންނަށް ސަރުކާރުން ދަނީ ހުރަސް އަޅަމުން: ޕީއެންސީ

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން އެކިތަންތަނަށް ހާޒިރު ކުރަނީ އިންތިހާބަށް ނުޒޫފުފޮރުވުމަށް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފި އެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން، ތާއީދު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަކަށް ސަރުކާރުގެ ފަރާތުން ހުރަސް އަޅާ، ހަމަހަމަ ކަމާއެކު ކެމްޕެއިން ކުރުމަށް އޮތް ފުރުސަތުތައް ނެތި ކޮށްލުމަށް މަސައްކަތް ކުރާ ކަމަށާއި، އެކަމަކީ އެޕާޓީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން ގެންދަނީ، އިދިކޮޅު ލީޑަރ ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ގާނޫނީ އިމުގެ ބޭރުން ނުހައްގުން ހައްޔަރުކޮށް ޖަލަށް ލުމަށް ފަހު އެމަނިކުފާނަށް އެކި ގޮތްގޮތުން ގޯނާ ކުރަމުން ކަމަށެވެ. އަދި އެމަނިކުފާނަށް ފަހު އިދިކޮޅު ޕާޓީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުރި އެޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހުންގެ އިދާރާއަށް ގެންދެވި ތިން ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން ފުލުހުންގެ އިދާރާގައި ބަންދުކުރި ކަމަށެވެ.

މީގެ އިތުރުންވެސް އެ ދެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުންނާއި އެހެނިހެން ބޭފުޅުންތަކެއް ހައްޔަރުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައި ކަމަށާއި، އެކަމުގެ ސަބަބުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް އަދި ކޮންގްރެސް ޕާޓިގެ ކެންޑިޑޭޓުން މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތަކަށް އެތައް ގޮތަކުން ވަނީ ހުރަސް އެޅިފައި ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

އެބަޔާނުގައި އިތުރަށް ބުނެފައިވަނީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކު ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ތާއިދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގަކީ ގާނޫނޫ އަސާސީން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދީފައިވާ ހައްގަކަށް ވާއިރު، އެއްވެސް އަސާސެއް ނެތި ކެންޑިޑޭޓުން ތަންތަނަށް ހާޒިރުކުރުން އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށް އެޕާޓީ ގަބޫލުކުރާ ކަމަށާއި، އެ ފަދަ ނާތަހުޒީބު އަމަލުތައް ހިންގުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކެންޑިޑޭޓުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކުން މަހްރޫމްވެދާފަދަ ކަންކަން ސަރުކާރުން ކުރަމުން ގެންދާތީ، އެކަންކަން
ބަލައިދީ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށާއި،
ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.