ވިޔަފާރި

ފާރުފުށި ރިސޯޓް އަންނަ މަހު ހުޅުވަނީ

ޔުނިވާސަލް އެންޓަޕްރައިސަސް އިން ތަރައްގީ ކުރަމުން އަންނަ ފާރުފުށި ރިސޯޓް އަންނަ މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ލަގްޒަރީ ޓްރެވަލް އެޑްވައިޒާގައިވާ ގޮތުން މާޗް މަހު ހުޅުވާ މި ރިސޯޓުގައި މަތީ ފަންތީގެ ހިތްގައިމު 80 ވިލާ ހުންނާނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 50 މިނެޓުން ސީޕްލޭންގައި ދެވޭ ރާސްތާގައި ރ. އަތޮޅުގައި ހުޅުވާ މި ރިސޯޓުގައި މޫދާއި ބީޗް ހިމެނޭ ގޮތަށް ވިލާތައް ހުންނާނެ އެވެ.

މި ރިސޯޓުގައި 10 ބީޗް ބަންގަލޯ އާއި ޕޫލާއެކު 27 ބީޗް ރިޓްރީޓް އަދި ސުވިމިން ޕޫލާއެކު 39 އޯޝަން ރިޓްރިޓް ހުރެ އެވެ. މީގެ އިތުރުން ޕޫލާއެކު ތިން ސޯޝަން ސުއިޓްސް ވެސް ހުންނާނެ އެވެ.

މި ތަނުގައި އެންމެ ފެންވަރު ރަނގަޅު ވިލާއަކީ އޯޝަން ސުވިމިން ޕޫލްއާއެކު ހަދާފައިވާ ރެސިޑެންސް ވިލާ އެވެ.

ރ. އަތޮޅުގައި މުޅިންއާ ރިސޯޓެއް ހުޅުވާއިރު މިހާރު ރާއްޖޭގައި ޖުމްލަ 400 އެއްހާ ޓޫރިޒަމް ޕްރޮޕަޓީ ހަދަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.