ބޮލީވުޑް

"ބަޖްރަންގީ ބައިޖާން" އާއި ދެކޮޅަށް މުޒާހަރާ ކުރިޔަސް ސަލްމާންގެ ފަރުވާލެއް ނެތް

Jul 5, 2015

ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބިއިރު، މިފިލްމާއި ދެކޮޅަށް ބައެއް ދީނީ ޖަމާއަތްތަކުން އަންނަނީ މުޒާހަރާވެސް ކުރަމުންނެވެ.

ވީއެޗްޕީ އާއި ބަޖްރަންގް ދާލް އިން މިފިލްމުގެ ނަމުން ހިންދޫ ދީނަށް ފުރައްސާރަވާ ކަމަށް ބުނެ އެކަމާއި ދެކޮޅަށް މުޒާހަރާކުރަމުން އަންނައިރު އެކަމާއި އެއްވެސް ވަރަކަށް ކަންބޮޑު ނުވާކަމަށް ފިލްމުގެ ލީޑްއެކްޓަރު އަދި ކޯ ޕްރޮޑިއުސަރު ސަލްމާން ޚާން ބުނެފި އެވެ.

މިފިލްމުގެ އެންމެ މުހިންމު ލަވަކަމަށްވާ "އާޖް ކީ ޕާޓީ" ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ސަލްމާން ބުނެފައިވަނީ މުޒާހަރާ ކުރަމުން އަންނަ ފަރާތަކީ ދިނީ ޖަމިއްޔާތަކަށް ނިސްބަތްވާ މީހުންކަމުގައި ވަނީ ނަމަ، ދީނުގެ އެންމެ މުހިންމު ކަމަކީ އަނެއް ދީނުގެ މީހާ އަށް އިހްތިރާމްކުރުން ކަމަށެވެ.

“ކޮންމެ ދީނެއްގައިވެސް އޮންނަނީ އެދީނަކަށް ތަބާވެ، އިހްތިރާމްލިބިގަނެ އަނެކާގެ ދީނުގައި ގަބޫލުކުރާ ކަންތައްތަކާއި އެދީނަކަށް އިހްތިރާމްކުރުމަށް.” ފިލްމުގެ ނަން ބަދަލުކުރުމާއި ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނަމުން ސަލްމާން ބުންޏެވެ.

އިންޑިއާގެ ބޯޑަރު ތެރެއަށް ގެއްލޭ ޕާކިސްތާނުގެ މަންމަނު ކުޑަ އަންހެން ކުއްޖަކު އަނބުރާ ގައުމަށް ގެންދިއުމަށް ސަލްމާން ކުރާ މަސައްކަތް ދައްކުވައިދޭ މިފިލްމު ޑައިރެކްޓްކޮށްފައިވަނީ ކަބީރް ޚާން އެވެ.

ސަލްމާންގެ އިތުރުން ކަރީނާ ކަޕޫރު އާއި ނަވާޒުއްދީން ސިއްދީގީ އަދި ހަރްޝާލީ މަލްހޯތުރާ މުހިންމު ރޯލުން ފެނިގެންދާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ފިތުރު އީދު ދުވަސްކަމަށް ބެލެވޭ ޖުލައި 17ގަ އެވެ.

ސަލްމާން އާއި ކަރީނާގެ ފުރިހަމަ ނެށުން ފެނިގެންދާ "އާޖް ކީ ޕާޓީ" އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިލަވައިގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ޕްރީތަމް އެވެ. އަދި ލަވަ ކިޔާފައިވަނީ މީކާ ސިންގް އެވެ.

"އާޖް ކީ ޕާޓީ" ލަވަ