ޗެލްސީ

ޗެލްސީގެ ސަސްޕެންޝަނާއެކު އުދާސްގަނޑު ބޮޑުވެއްޖެ!

އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ޓީމަށް ގެނައުމުގައި، ޗެލްސީން ފީފާގެ ގަވާއީދާ ހިލާފުވެފައި ވާތީ، ކުރިއަށް ޓްރާސްންފާގެ ދެ މޫސުމުގައި، ޗެލްސީއަށް އާ ކުޅުންތެރިންޔަކު ނުގެނެވޭނެ ގޮތަށް ފީފާއިން އެ ކުލަބާ ދެކޮޅަށް ފިޔަވަޅު އަޅައފި އެވެ.

މީގެ މާނައަކީ، ޗެލްސީ ވަރުގަދަ ކުރަން، އެ ކުލަބުގެ އޯނަރު ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރޮހިމޮވިޗް، ބޭނުން ވިޔަސް ޖޫން 2020 އާ ހަމައަށް، އޭނާއަށް އަތްއުރާލައިގެން ހުންނަން ޖެހުމެވެ. ޗެލްސީގެ މައްޗަށް އެޅި ފިޔަވާޅާއެކު، 9.2 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ދެއްކުމަށް ފީފާއިން ވަނީ ޗެލްސީއަށް އަންގާފަ އެވެ. ޗެލްސީގެ އަންހެން ޓީމާއި، ފުޓްސަލް ޓީމު މި ފިޔަވަޅުގެ ތެރެއަށް ނުވަންނާނެ އެވެ.

އެއް އަހަރު ވަންދެން، އާ ކުޅުންތެރިން ރަޖިސްޓްރީ، ކުރުމުގެ ދޮރު ޗެލްސީއަށް ބަންދުވުމުން، ޓީމުގެ ތެރޭގައި ނުތަނަވަސްކަމެއް މެދުވެރިވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް، އެޑެން ހަޒާޑް އާއި ގޮންޒާލޯ ހިގުއައިން އަދި މަޓޭއޯ ކޮވަސިޗް އާއި އަދި އަލްވާރޯ މޮރާޓާއަށް މައްސަލަ ކުރިމަތިވާނެ އެވެ. މި މައްސަލައިގައި ޓީމުގެ މެނޭޖުމެންޓަށް ވެސް ބޮޑު ބޮލުގެ ރިހުމެއް ކުރިމަތި ވާނެ އެވެ.

އެޑެން ހަޒާޑް ވަނީ، ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވާކަން ފާޅުގައި ބުނެފަ އެވެ. އަދި ރެއާލް މެޑްރިޑުން ވެސް އޭނާއަށް ޝައުގުވެރިވާކަން ވަނީ ހާމަ ކޮށްފަ އެވެ. ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން، މިސީޒަނަށް ފަހު، ޗެލްސީން މަސައްކަތް ކުރީ ބޮޑު އަގުގައި، ހަޒާޑް ރެއާލްއަށް ވިއްކާލުމަށެވެ. އެހެންނަމަވެސް މިހާރު ކަންތައް މިވީގޮތުން އެދޮރު ބަންދުވީ އެވެ. ކޮންމެ ގޮތެއްވިޔަސް، ޓްރާންސްފާގެ އަދަބުން ސަލާމަތް ވަންދެން އޭނާ ޓީމުގައި ބަހައްޓާނެ އެވެ. ޗެލްސީއާއެކު ހަޒާޑް މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ، ޖޫން 2020 ށެވެ. އެއީ ޗެލްސީވެސް ޓްރާންސްފާ ބޭންގެ މަޅިން މިނިވަންވާ ވަގުތެވެ. އެހެންވެއްޖެނަމަ، ހިލޭ ޓްރާންސްފާއެއްގެ ދަށުން ހަޒާޑް ކުލަބު ބަދަލު ކުރުމުގެ ފުރުސަތު ލިބުނީ އެވެ. އޭރުން އޭނާ މެދުވެރިކޮށް ޗެލްސީއަށް ލިބޭނެ ޓްރާންސްފާގެ އަގެއް ނޯންނާނެ އެވެ.

ޖަނަވަރީ، ޓްރާންސްފާގައި ޔުވެންޓަސްއިން، ޗެލްސީއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި ގޮންޒާލޯ ހިގުއައިން އާއި ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓްގައި ހުރެ، ޗެލްސީއަށް ކުޅެމުން ގެންދާ ކޮވަސިޗަށް ކުރިމަތި ވާނީ އެހެން މައްސަލައެކެވެ. ލޯންގައި ތިބި ދެ ކުޅުންތެރިންގެ ލޯން އެއްބަސްވުން، މި އަހަރު ޖޫން މަހު ހަމަވާނެ އެވެ. ހިގުއައިންގެ ލޯން ކޮންޓްރެކްޓްގައި ޔުވެންޓަސްއިން ޗެލްސީއާއެކު އެއްބަސްވެފައި ވަނީ، ލޯންގެ މުއްދަތަށް ފަހު، ޗެލްސީ ބޭނުންނަމަ ދާއިމީ ގޮތެއްގައި، ސޮއި ކުރުވޭ ގޮތަށެވެ. އެހެންނަމަވެސް އެ ހާލަތުގައި ފީފާއިން ބަލާނީ، އާ ޓްރާންސްފާއެއް ކަމަށެވެ. އެހެންވެ ރަޖިސްޓްރީ ކުރުމުގެ ދޮރު ބަންދުވީ އެވެ.

ކޮވަސިޗްގެ ކޮންޓްރެކްޓްވެސް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. ލަންޑަންގައި ކުޅެން ހިތްހަމަ ޖެހޭކަމަށް، ކްރޮއޭޝިއާގެ މިޑްފީލްޑަރު ވަނީ ބުނެފަ އެވެ. އޭނާ ލައްވައި ދާއިމީ އެއްބަސްވުމެއްގައި ސޮއި ކުރަށް ޗެލްސީ ބޭނުން ވެއެވެ. އެހެންނަމަވެސް އެ ދޮރު މިހާރު ބަންދުވީ އެވެ. ރެއާލް މެޑްރިޑުންވެސް އޭނާ އަނބުރައި، ޓީމަށް ގެނައުމަށް ޝައުގުވެރިވާކަން ވަނީ ހާމަ ކޮށްފަ އެވެ. އޭނާ ގޮސްފިނަމަ، ޗެލްސީގެ މިޑްފީލްޑްލައިންގައި އިތުރު މައްސަލަތަކެއް ކުރިމަތިވާނެ އެވެ.

ޖަނަވަރީގައި، ޗެލްސީއަށް ސޮއި ކުރުވި އެމެރިކާގެ ކްރިސްޓިއަން ޕްލިސިކް އަށް މި މައްސަލަ ދިމާ ނުވާނެ އެވެ. ޖަނަވަރީގައި ބުރޫޝިއާ ޑޯޓަމުންޑަށް 73 މިލިއަން ޑޮލަރު ދިނުމަށް ފަހު، ޗެލްސީން އޭނާ ލައްވައި ސޮއި ކުރުވުމަށް ފަހު ލޯން އެއްބަސްވުމުގެ ދަށުން، މި ސީޒަން ނިމެންދެން ޑޯޓަމުންޑްގައި އޭނާ ބެހެއްޓުމަށް ޗެލްސީން ވަނީ އެއްބަސް ވެފަ އެވެ. އެއީ ޗެލްސީއަށް އޮތް ހިތްހަމަ ޖެހުމެކެވެ. ސީޒަނަށް ފަހު އޭނާ ޗެލްސީގެ ސްކޮޑާ ގުޅެނެ އެވެ. ސަބަބަކީ ޖަނަވަރީގައި ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީ ކޮށްފައި ވުމުންނެވެ.

އަލްވާރޯ މޮރާޓާ، އެތުލެޓިކޯއަށް ދޫކޮށްލުމަށް ޗެލްސީން އެއްބަސްވީ ލޯން އެއްބަސްވުމުގެ ދަށުންނެވެ. ޗެލްސީން އެއްބަސްވީ، ޖޫން 2020 ހަމައަށެވެ. އެހެންނަމަވެސް، ޗެލްސީ ބޭނުންނަމަ، މިއަހަރު ޖޫންގައި އޭނާ ޓީމަށް ގެނެވޭނެ އެވެ. އެއީ އަދިވެސް އޭނާ ރަޖިސްޓްރީ ކޮށްފައި ވަނީ ޗެލްސީގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ޗެލްސީއަށް އޮތް އަނެއް ހިތްހަމަޖެހުމަކީ، ގިނަ އަދަދެއްގެ ކުޅުންތެރިން ލޯން އުސޫލުން ކުލަބުތަކަށް ދޫކޮށްފައި ވުމުވެ. ޗެލްސީން ވަނީ 40 ށް ވުރެ ގިނަ ކުޅުންތެރިން އެހެން ޓީމުތަކަށް ދޫކޮށްފަ އެވެ. ޗެލްސީ ބޭނުންނަމަ އެއި ކުޅުންތެރިޔަކު އަނބުރާ ޓީމަށް ގެނެވިދާނެ އެވެ.