ރާއްޖެ އަންނަން ތާވަލުކޮށްފައި އޮތް ޕާކިސްތާނުގެ އަސްކަރީ މަނަވަރަކަށް ރާއްޖެއިން ހުއްދަ ނުދިން ކަމަށް ދެކެވޭ ވާހަކަ ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއިން ދޮގުކޮށްފި އެވެ.
އިއްޔެ ބައެއް ނޫސްތަކުން ރިޕޯޓްކުރިފައިވާ ގޮތުގައި ޕާކިސްތާނުގެ އެ މަނަވަރު އައުމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް ރާއްޖެއިން ނުދޭން ވަނީ ނިންމާފަ އެވެ. އަދި މާދަމާ ރާއްޖެ އައުމަށް ތާވަލު ކުރި ޕާކިސްތާނުގެ މަނަވަރަށް ހުއްދަ ނުދިނީ އިންޑިއާގެ ނުފޫޒުން ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ނަމަވެސް، މާލޭގައި ހުންނަ ޕާކިސްތާނު އެމްބަސީގެ ސެކަންޑް އޮފިސާ ޒުލްކަރުނައިން އަވަސްއަށް ވިދާޅުވީ، ރާއްޖެ ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށާއި، އެ މަނަވަރު ރާއްޖެ އަންނަން ހަމަޖެހިފައިވަނީ އަންނަ މަހު ކަމަށެވެ.
މަނަވަރު އައުމަށް ބޭނުންވާ ހުއްދަ އާއި ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ބުނެފައިނުވާކަން ފާހަގަކުރައްވަމުން، ޒުލްކަރުނައިން ވިދާޅުވީ ރާއްޖެއާއެކު އަބަދުވެސް އޮންނަނީ ވަރަށް ރަނގަޅު ހާރިޖީ ގުޅުމެއް ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާއެކު މިފަހުން ހީނަރުވެފައިވާ އޮތް ގުޅުން މިހާރުވަނީ ވަރަށް ބަދަހިވެފަ އެވެ.
އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި ބޮމެއް ގޮއްވާލައިގެން އެތަކެއް އިންޑިއާ ސިފައިންނެއް މަރާލުމާއެކު އިންޑިއާ، ޕާކިސްތާނާއެކު ޒަމާނުއްސުރެ އޮންނަ ނުތަނަވަސްކަން ވަނީ އިތުރަށް ހޫނުވެފަ އެވެ.
އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.