ކުރިޔަށް އޮތް ރައްޔިތުން މަޖިލީހަށް ވާދަ ކުރާ ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ބުނާ ތިން މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ލަފާދޭ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކެންޑިޑޭޓުން އަމަލު ކުރަން ޖެހޭ ހާއްސަ ސުލޫކީ މިންގަނޑުތަކެއް ހުރި ކަމަށާއި މިދިޔަ އަހަރު ޖުލައި މަހު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި އެކަން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކެންޑިޑޭޓުން ކެމްޕެއިން ކުރަމުންދާ އިރު އެ ގާނޫނުގައި ބަޔާން ކުރާ ކަންކަމާ ފުށު އަރާ ކަންކަންކޮށްފައިވާތީ އޭސީސީއަށް ބައެއް ޝަކުވާތައް ލިބެމުން އަންނަ ކަމަށާއި އެގޮތުން ރިޝްވަތުގެ ކުށެއް ގޮތުގައި ބެލެވިދާނެ ތިން މައްސަލައެއް ބަލަމުން އަންނަ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
ރިޝްވަތުގެ ކުށް ކުރި ކަމުގެ ތިން ޝަކުވާއެއް އޭސީސީއަށް ލިބިފައިވާ އިރު އޭގެ ތެރެއިން އެއް މައްސަލައެއް ބަލާ ނިންމާފައިވާ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެ މައްސަލަ ގާނޫނުގައި ބުނާ ހާލަތަކަށް ނުފެތޭ ކަމަށާއި އެއީ އެކަމަކީ ކެނޑިޑޭޓުކަން އިއުލާން ކުރުމުގެ ކުރިން އެ ފަރާތެއް ކޮށްފައިވާ ކަމަކަށް ވާތީ ކަމަށް މުއައްވިޒް ވިދާޅުވި އެވެ. ދެން ހުށަހެޅި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތިން ވަނަ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
"ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްލަން ބޭނުން އޭސީސީއަށް ޝަކުވާއެއް ހުށަހަޅާއިރު މައްސަލަ ތަހުގީގު ކުރެވޭ ވަރަށް މައުލޫމާތު ހުށަހެޅުމަކީ ވަރަށް މުހިންމު ކަމެއް، ބައެއް ފަހަރަށް ނަން ހާމަ ނުކޮށް ހުށަހެޅި ކަމުގައިވީ ނަަމަވެސް އެ މައްސަލައަކީ އެ މައްސަލައިގެ ބާވަތުން އަޅުގަނޑުމެންނަށް މައުލޫމާތުތައް ލިބިއްޖެ ކަމަށްވަންޏާ ތަހުގީގު ކުރަން ފަސޭހަ ވާނެ،" މުއައްވިޒް ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ހަތަރު ވަނަ މާއްދާގައިވާ ގޮތުން އިންތިހާބީ ހައްގަކަށް ފައިދާއެއް ވަކި ފަރާތަކަށް ލިބުމަށްޓަކައި ހަދިޔާއެއްގެ ގޮތަށް ބެލެވިދާނެ އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތުގެ ކުށެއްކެވެ. އަދި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަކަށް އެއްޗެއް ދިނުމަށް ނުވަތަ ހިދުމަަތެއް ފޯރުކޮށްދިނުމަށް މަންފާއެއް ހޯދަ ދިނުމަކީ ވެސް ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި ނަން ހާމަ ނުކުރާ ފަރާތްތަކުން ހުށަހަޅާ ހަދިޔާއެއް ނުވަތަ ފައިސާއެއް ވެސް ކެންޑިޑޭޓުންނަކަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
"ވަކިވަކި ފަރުދުންނަށް ނޫންކަމުގައި ވިޔަސް ވަކި ޖަމާއަތަކަށް ވިޔަސް އާންމު ފައިދާއަށް ވިޔަސް ވަކި އެއްޗެއް ނުވަތަ ވަކި ހިދުމަަތެއް ފޯރުކޮށްދިނުމަކީ ރިޝްވަތެއް ގޮތުގައި ބެލެވިދާނެ ކަމެއް،" މުއައްވިޒް ވިދާޅުވި އެވެ.
މުއައްވިޒް ވިދާޅުވީ އިންތިހާބުތަކާ ގުޅޭ ގޮތުން ދައުލަތުގެ އިދާރާތަކުން ވެސް ވަރަށް ބޮޑަށް ސަމާލު ވާން ޖެހޭ ކަމަށެވެ. އެއީ ދާއިރާތަކުގައި ހުރި މައްސަލަތަކާ ގުޅޭ ޝަކުވާތައް ކެންޑިޑޭޓުން ގެންނަ އިރު ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކެންޑިޑޭޓެއް މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ ކަން ދޭހަވާ ގޮތަކަށް އަމަލު ކުރުމަކީ ގާނޫނުގައި މަނާކޮށްފައިވާ ކަމެއް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
"ހޮވައިދީފި ނަމަ ދާއިރާއަށް ވަކި ކަމެއް ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތެއް"
ކެނޑިޑޭޓުން ކެމްޕެއިން ކުރާ އިރު ދާއިރާގެ ރައްޔިތުންނަށް ވަކި ވަކި ކަންކަން ކޮށްދޭނެ ކަމަށް ބުނުމަކީ ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް އީސީގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވީ ކެނޑިޑޭޓަކަށް ވުމަށް އިއުލާން ކުރާ ދުވަހުން ފެށިގެން ފުޓްސަލް ދަނޑެއް އަޅާ ދިނުމަށް ނުވަތަ ރަށުގައި ޕާކެއް އަޅާ ދޭނެ ކަމަށް ވެސް ކެނޑިޑޭޓުންނަކަށް ވިދާޅު ނުވެވޭނެ ކަމަށެވެ. އެއީ އާ އިސްލާހުގެ ދަށުން ރިޝްވަތުގެ ކުށެއްގެ ގޮތުގައި ބެލެވޭނެ ކަމެއް ކަމަށް ހަބީބު ވިދާޅުވި އެވެ.
"ތިމަންނަ މިވެނި ކަމެއް ވަކި ރަށަކަށް ނުވަތަ ޖަމިއްޔާއަކަށްކޮށްދޭނެ ކަމެކޭ ނުބުނެވޭނެ، އެ ވައުދެއް ނުވެވޭނެ އެއީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ ކަމެއް މިހާރު ގާނޫނު އޮންނަ ގޮތުން،" ހަބީބު ވިދާޅުވި އެވެ.