ލައިފްސްޓައިލް

ހެލްމެޓް ގަތީތަ؟ ގަތީ ރަނގަޅަށް ބަލާފަތަ؟

ރައްކާތެރިކަމަށްޓަކައި ސައިކަލު ދުއްވާ މީހުން ހެލްމެޓު އެޅުމަކީ ކާރުގައި ސީޓް ބެލްޓު އަޅައިގެން އިނުން ފަދަ ކަމެކެވެ. ރާއްޖޭގައި މިއީ އާ ކަމަކަށް ވިޔަސް ބޭރު ގައުމުތަކުގައި ސައިކަލެއް ގަންނަ މީހަކު ދެން އެންމެ އިސްކަން ދޭނީ ހެލްމެޓެއް ގަތުމަށެވެ. އަދި އެ ސައިކަލުގެ ފަހަތުގައި އިށީންނާނެ މީހާއަށް ވެސް ހެލްމެޓް ހޯދަ އެވެ. ސައިކަލު މަޑި ދަށުގައި އިތުރު ހެލްމެޓެއް ބާއްވައިގެން ވިޔަސް އެ ސައިކަލު ދުއްވާނީ އެއަށް އަރާ މީހުންގެ ބޮލުގައި ހެލްމެޓެއް އަޅައިގެނެވެ.

ދަތުރު ދިގު ވިޔަސް އަދި ކުރަސް ހެލްމެޓް މުހިއްމެވެ. ނުރައްކާތެރި ހާދިސާ އެއް ހިނގައިފި ނަމަ ގިނަ ފަހަރަށް އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އަނިޔާ އެއް ލިބޭނީ މީހާގެ ސިކުނޑި އަށެވެ. ކިތަންމެ ކުޑަ ނަމަވެސް މީހާގެ ހުރިހާ ގުނަވަނަކަށް ބާރު ފޯރުވާ ސިކުނޑި ވަށައިގެން އަޅާލެވޭ މި ފަށަލަ އަކީ ސައިކަލުގައި އިންނަ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ އެހީވެދޭ އެހީތެރިޔާ އެވެ.

ދިރާސާ ތަކުންވެސް ދައްކާ ގޮތުގައި މަގުމަތީގެ ގިނަ ހާދިސާ ތަކުގައި މީހާ ސަލާމަތް ވުމުގެ އެންމެ އިސް ދައުރެއް އަދާ ކޮށްފައި ވަނީ ބޮލުގައި އަޅާފައި އޮންނަ މި ހެލްމެޓެވެ. އެހާ މުހިއްމު އެއްޗެއް ގަތުމުގެ ކުރިން ކުޑަ ދިރާސާއެއް ކޮށްލުން ވެސް މުހިއްމެވެ. ހެލްމެޓު ގަންނަން ގޮސްފައި ނަގާނެ ނުނަގާނެ އެއްޗެއް ނޭނގިގެން އުޅޭކަށް އޭރުން ނުޖެހޭނެ އެވެ. އަދި ގަންނައިރު އިސްކަން ދޭންވީ ކޮންކޮން ކަންކަމަކަށް ކަންވެސް އޭރަށް އެނގޭނެ އެވެ.

1
 

ގަންނަ ހެލްމެޓްގެ ޑިޒައިން

ހެލްމެޓެއް ގަންނަ އިރު ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ އިސްކަން ދެވޭނީ އެއީ ރީތި ހެލްމެޓެއްތޯ ބަލާށެވެ. އެއީ ވެސް މުހިއްމު ކަމެކެވެ. ނަމަވެސް ރީތި ހެލްމެޓެއް ހޯދަން ސަމާލުކަން ދީގެން އެންމެ ފަހުން ގަނެވޭ ހެލްމެޓުގައި މާ ބޮޑު ރައްކާތެރި ކަމެއް ނެތިދާނެ އެވެ. ކުލަ އާއި ބައްޓަމާ އެއްވަރަށް ހެލްމެޓްގެ އެތެރޭގައި އަޅުވާފައި ހުރީ ކިހާ ބޯ މިނެއްގެ ސްޕޮންޖު ގަނޑެއްތޯ ބަލައި ބޭރު ފަށަލައިގެ ބޯމިން ދެނެގަނެ ހާދިސާ އެއް ހިނގައިފި ކަމުގައި ވާނަމަ އެއިން އެމީހަކަށް ރައްކާތެރިކަން ދެވޭނެތޯ އަމިއްލަ އަށް ސުވާލު ކުރާށެވެ.

އަދި ހެލްމެޓު ބޮލުގައި އަޅާ ބާރުކޮށްލުމަށް ބޭނުން ކުރާ ވާގަނޑަކީ ވެސް މުހިއްމު އެއްޗެކެވެ. ރައްކާތެރި ކަމާއެކު އެ ވާގަނޑުގެ އެހީގައި ބޮލުގައި ހެލްމެޓް ހިފެހެއްޓިފައި ހުންނާނެތޯ ރަނގަޅަށް ބެލުން ވަރަށް މުހިއްމެވެ.

2
 

ހެލްމެޓުގެ ވައްތަރުތައް ދެނެގަތުން މުހިއްމު

ކޮންމެ ހެލްމެޓަކީ އެއްވައްތަރަކަށް އެއް ޑިޒައިނަކަށް ހުންނަ ހެލްމެޓެއް ނޫނެވެ. ހެލްމެޓުގެ ޑިޒައިނާ އެއްވަރަށް އެ ޑިޒައިންގެ ހެލްމެޓު ގިނައިން ބޭނުން ކުރަނީ ކޮން ސަރަހައްދު ތަކެއްގައިތޯ ބެލުން ވެސް މުހިއްމު ވެއެވެ.

މުޅި ބޯ ނިވާވާ ކަހަލަ ހެލްމެޓުތަކަކީ އެންމެ ރައްކާތެރި ހެލްމެޓަށް ވިޔަސް ހޫނު ގައުމުތަކުގައި މިކަހަލަ ހެލްމެޓުތައް ބޭނުން ކުރާ މިންވަރު މަދެވެ. ވައިބޭރުވެ ރަނގަޅު "ވެންޓިލޭޝަން" އެއް ލިބޭތޯ ބަލަންވެސް ޖެހެ އެވެ. ދަތުރަކަށް ފަހު ހެލްމެޓު ނެގުމުން މުޅި ބޮލާއި މޫނުން ދާހިތްލާ ނޭވާ ހާސްވެފައި ހުރުމުން އެއީ އެ ސަރަހައްދަކަށް އެންމެ އެކަށޭނަ ހެލްމެޓަށް ނުވެދާނެ އެވެ.

ހާފް ހެލްމެޓާއި މޫނު ފެންނަ ގޮތަށް ހުންނަ "އޯޕަން ފޭސް" ހެލްމެޓަކީ އެންމެ އަގު ހެޔޮ ބޮލަށް ލުއި ހެލްމެޓަށް ވިޔަސް މި ހެލްމެޓުތަކުން މާ ބޮޑު ރައްކާތެރި ކަމެއް ނުދެވޭ ކަމަށް މިކަން ދިރާސާ ކޮށްފައިވާ ފަރާތްތައް ބުނެ އެވެ.

މީގެ އިތުރުން، ގިނަ ބައެއްގެ ތެރޭގައި އެންމެ މަގުބޫލު ހެލްމެޓް "ފްލިޕް ފޭސް" ނުވަތަ "މޮޑިއުލާ ހެލްމެޓް" އެއީ ލޮލާ ދިމާލުން ލޯގަނޑު ލާފައި ހުންނަ ހެލްމެޓެވެ. މިއީ އޯޕަން ފޭސް ހެލްމެޓަކަށް ބޯ ޕްލާސްޓިކް ލޯގަނޑެއް ލުމުން ނިވާވާނެ ގޮތަށް ފަރުމާ ކޮށްފައި ހުންނަ ހެލްމެޓެވެ. ލޯގަނޑު ހިއްލާލުމުން ވައި ދައުރުވެ އެވެ. މި ހެލްމެޓު ހޫނު ގައުމުތަކަށް ވެސް ގުޅޭ ކަމަށް ބުނެ އެވެ. މި ތިން ވައްތަރުގެ އިތުރުން ސްޕޯޓްސް ހެލްމެޓުތައް ވެސް ހުރެ އެވެ. ނަމަވެސް ރޭސް ޖަހާ މީހުންނަށް ހާއްސަ އެ ހެލްމެޓް އަޅައިގެން ކޮންމެ މީހަކު މަގުމަތީގައި ރޭސް ޖެހުމުން ގެއްލުމެއް ވުން އެކަށީގެންވެ އެވެ.

3
 

ގަތުމުގެ ކުރިން ބޮލަށް ހެޔޮވަރު ކުރޭ

ހެލްމެޓެއް ގަތުމުގެ ކުރިން ހެޔޮވަރު ކުރުމަކީ މުހިއްމު ކަމެކެވެ. ބޮލަށް އެންމެ ހެޔޮވަރީ ކޮން ސައިޒެއްތޯ ބަލައި އަޅައިގެން އިންނަން ފަސޭހައީ ކޮން ހެލްމެޓެއްތޯ ބަލަންޖެހެ އެވެ. ގަތުމުގެ ކުރިން ހެލްމެޓް އަޅާ ބޯ އަރިއަރިއަށް އަނބުރާލުމުން އެމީހެއްގެ ބޮލަށް އެންމެ ރަނގަޅު ފިޓަކީ ކޮބައިކަން ފަސޭހައިން ދެނެގަނެވޭނެ އެވެ. މިކަން އެންމެ މުހިއްމު ވާނީ އޮންލައިންކޮށް ހެލްމެޓު ގަތުމުގަ އެވެ. ފަސޭހައިން އޮންލައިންކޮށް ގަންނަ ހެލްމެޓް މަހެއް ކޮށްފައި އަންނައިރު ސައިޒް ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

4
 

ރަނގަޅު އަގު

ރަނގަޅު ހެލްމެޓެއް ބޭނުންނަމަ ހަރަދެއް ވެސް ކުރަން ޖެހޭނެ އެވެ. ހެލްމެޓްގެ އަސްލު ބޭނުން ހިފަން ބޭނުންވާނަމަ ރަނގަޅު ހެލްމެޓަކަށް އިންވެސްޓް ކުރާށެވެ. މިއީ އެއްދުވަހު އަޅާފައި އަނެއް ދުވަހު ބާކޮށް އެއްލާލާ އެއްޗެއް ނޫނެވެ. ގިނަ ދުވަހަށް ފައިދާ ވާނެ ގޮތަށް ރަނގަޅު އަގެއްގައި ހެލްމެޓް ހޯދަން ވިސްނުން ވަރަށް މުހިއްމެވެ. އެންމެ ބޮޑު އަގުގައި ހެލްމެޓެއް ނުގަތަސް ބާޒާރުގައި ހެލްމެޓު ވިއްކާ އަގުތައް ބަލައި ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ހެލްމެޓް ގަތުން މުހިއްމެވެ. ކިތަންމެ އަގު ހެޔޮ ވިޔަސް އެ ހެލްމެޓުގެ ފެންވަރު ދެނެގަންނަން ޖެހޭނެ އެވެ.

ކިތަންމެ ރީތި ހެލްމެޓެއް ހޯދަން އިސްކަން ދިނަސް، ހެލްމެޓުގެ ބޭނުން ހިފަން ޖެހޭ ވަގުތު ހިފޭނެ ކަމުގެ ޔަގީންކަން އޮންނާނެ ކަހަލަ ހެލްމެޓެއް ހޯދަން ޖެހޭނެ އެވެ.