ބޮލީވުޑް

"ޑިޝޫމް" ގެ ޝޫޓިން ވަރުން އާއި ޖޯން ފަށައިފި

Jul 5, 2015

އަރަމުން އަންނަ ތަރި ވަރުން ދަވަން އަކީ މިވަގުތު ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ބިޒީ އެއް ތަރި އެވެ.

ކުރިއަށް ވަރުންގެ ގިނަ ފިލްމުތަކެއް ހުރި އިރު، ބުލްގާރީގައި "ދިލްވާލޭ"ގެ މަންޒަރުތައް ނެގުމަށްފަހު ވަނީ  ޖޯން އަބްރަހަމް އާއިއެކު ލީޑްރޯލުން ފެނިގެންދާ "ޑިޝޫމް"ގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޝޫޓިންގެ ފުރަތަމަ ދުވަހު ވަރުން ޓްވީޓާގައި އާންމުކުރި ފިލްމުގެ ކްލެޕާބޯޑްގެ ފޮޓޯގައި ވަނީ "ޑިޝޫމް"ގެ ފުރަތަމަ ދުވަހު އަހަރެންގެ ބޭބެ އާއިއެކު ކަމަށް ބުނެފަ އެވެ. އަދި ޖޯން ކޮށްފައިވާ ޓްވީޓެއްގައިވެސް ވަނީ "ޑިޝޫމް" ގެ ފުރަތަމަ ދުވަހު ކޮއްކޮ އާއިއެކު ކަމަށް ބުނެފަ އެވެ.

ބެލެވޭގޮތުގައި މިފިލްމުގައި ވަރުން އާއި ޖޯން ކުޅެނީ އެއްބަނޑު އެއްބަފާ ދެބެއިންގެ ރޯލެވެ.

މިފލްމުގައި ވަރުން ކުޅޭ ރޯލަކީ އުރުދޫ ބަހުން ވާހަކަދައްކަން ޖެހޭ ރޯލަކަށް ވުމުން އޭނާ އަންނަނީ އުރުދޫ އިން ވާހަކަ ދެއްކުމަށް ދަސްކުރަމުންނެވެ. އެގޮތުން މިފަހުން ވަނީ އުރުދޫ އިން ވާހަކަ ދައްކަން ދަސްކުރަން ހާއްސަ ކްލާސްތަކެއްވެސް ނަގާފަ އެވެ.

"ޑިޝޫމް" ގެ ފުރަތަމަ ޝެޑިއުލްގެ މަންޒަރުތައް މިހާރު މުމްބައިގެ މެހްބޫބް ސްޓޫޑިއޯގައި ކުރިއަށްދާއިރު، ދެވަނަ ޝެޑިއުލްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މޮރޮކޯގަ އެވެ.

ވަރުން އާއި ޖޯންގެ އިތުރުން މުހިންމު ރޯލުން ޖެކުއަލީން ފާނެންޑޭޒް ވެސް ފެނިގެންދާ މިފިލްމު ޑައިރެކްޓްކުރަނީ ވަރުންގެ ބޭބެ ރޯހިތް ދަަވަން އެވެ.

ސާޖިދް ނިޑިއަޑްވާލާ ޕްރޮޑިއުސްކުރާ މިފިލްމަކީ އެކްޝަން މަންޒަރުތައް ގިނަ ފިލްމަކަށްވާއިރު، ވަރުން އާއި ޖޯން މިފިލްމުގައި އަދާކުރަނީ ޕޮލިސް އޮފިސަރުންގެ ރޯލުކަމަށްވެ އެވެ. އެގޮތުން މިދެތަރިން އަންނަނީ މި ރޯލަށް ފިޓްވުމުގެ ގޮތުން  ޕޮލިސް ކޮމްބެޓް ޓްރެއިނިން ހަދަމުން ކަމަށް ވެސް ވެ އެވެ.

ދެހާސް ބާރަވަނަ އަހަރު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ފަހުން ތަފާތު ރޯލުތަކުން ފެނިގެންގޮސްފައިވާ ވަރުން އެންމެފަހުން ފެނިގެންގޮސްފައިވަނީ ޑައިރެކްޓަރު ރެމޯ ޑިސޫޒާގެ ޑާންސް ޑްރާމާ ފިލްމު "އޭބީސީޑީ 2" ގައި ޝްރަދާ ކަޕޫރު އާއިއެކު އެވެ.