ވިޔަފާރި

ބީއެމްއެލް އިން އެއްގަމު އުޅަނދު ގަންނަ ލޯނު ދޫކުރަން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްގަމު އުޅަނދު ގަންނަން ހާއްސަ ލޯނެއް މިއަދު ތައާރަފު ކޮށްފި އެވެ.

ބީއެމްއެލްގެ ވެހިކަލް ލޯނު ދޫކުރަނީ 500،000ރ. އާ ހަމައަށެވެ. މި ލޯނަށް ރަހުނެއް ބަހައްޓަން ނުޖެހޭއިރު، އަނބުރާ ދައްކަން ފަސް އަހަރު ލިބެ އެވެ. މި ލޯނު ލިބޭނީ 20 ޕަސެންޓު ދެއްކުމުންނެވެ. އަދި ލޯނު ދޫކުރަނީ 18 ޕަސެންޓުގެ އިންޓަރެސްޓުގަ އެވެ.

ބޭންކުގެ އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖަރު ރީޓެއިލް ބޭންކިން ބަދުރުއްދީން ހަސަން ވިދާޅުވީ މި ލޯނަކީ ރަހުނު ބަހައްޓަން ނުޖެހޭ ލޯނެއް ކަމަށެވެ. އަދި މި ލޯނުން ވެހިކަލް ނެގޭނީ އެ ވެހިކަލް ވިއްކާ ކުންފުނިތަކުގެ ތެރެއިން ބޭންކުން އެގްރީމެންޓް ހަދާފައިވާ ފަރާތްތަކުގެ އަތުން އެކަނި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މި ލޯނަކީ ފަސް އަހަރު ދުވަހަށް އަނބުރާ ދައްކާ ގޮތަށް ބަލާލުމުން މި ވަގުތު ރާއްޖޭގައި ވެހިކަލް ގަންނަ ދޫކުރާ އެންމެ ފުރިހަމަ އިންސްޓޯލްމަންޓް ޕްލޭން. މިއީ އެންމެ ކުޑަ އަދަދެއް ދައްކާ ލޯނު،" ބަދުރު ވިދާޅުވި އެވެ.

ބަދުރު ވިދާޅުވީ ވެހިކަލް ލޯނުގައި ނެގޭނީ ހަމައެކަނި ސައިކަލް ގަންނަން އެކަނި ނޫން ކަމަށެވެ. ކާރާއި ޕިކަޕު ފަދަ ވެހިކަލްތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް މި ލޯނު ނެގުމުގެ އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސައިކަލް ފިހާރަ ތަކުން އާއްމު ގޮތެއްގައި ސައިކަލް ދޫކުރަނީ ދެ އަހަރު ދުވަހުން ބަހާލައިގެން ފައިސާ ދައްކާ ގޮތަށެވެ. މި ފިހާރަތަކައި އާއްމު ގޮތެއްގައި އިންޓަރެސްޓް ރޭޓް އުޅެނީ 20 ޕަސެންޓުން މަތީގަ އެވެ. އަދި މަހުން މަހަށް ބަލާލުމުން އާއްމުކޮށް މަހަކު 2،000ރ. ވަރު ދައްކަން ޖެހެ އެވެ. ނަމަވެސް ބީއެމްއެލްގެ މި ލޯނު ނަގައިގެން ސައިކަލެއް ނަގާނަމަ އާއްމު ކޮށް ވިއްކާ ރޭޓުންނަމަ މަހުން މަހަށް ދައްކާ އަދަދު ދަށްވެގެން ދާނެ އެވެ. ސަބަބަކީ އިންޓްރެސްޓް ރޭޓް ދަށްވުމާއި ފައިސާ ދައްކަން ދޭ މުއްދަތު އިތުރުވުމެވެ.