ދުނިޔެ

ޗައިނާ މުސްލިމުންނާމެދު އަމަލުކުރާގޮތް ސައުދީ ވަލީއަހުދު ދިފާއު ކުރައްވައިފި

Feb 24, 2019
4

ބެއިޖިންގް (ފެބްރުއަރީ 24) - ޓެރަރިޒަމާއި ދެކޮޅަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދިފާއުކުރުމަކީ އެގައުމުގައި ދިރިއުޅޭ މުސްލިމުންނާއި މެދު ކުރަމުންދާ ލާއިންސާނީ އަމަލުތަކަށް ހިތްވަރުދިނުން ކަމުގައި ބުނެ، ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އޭޝިއާގެ ތިން ގައުމަކަށް ވަލީއަހުދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ބައްދަލުކުރެއްވުމަށްފަހު، ޗައިނާގައި ހަމަޖެހުން ގާއިމުވެފައި ބޭއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވަލީއަހުދު ތައުރީފުކުރެއްވިކަމަށް ޗައިނާގެ ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

އަދި ދީނީ ހަރުކަށި ވިސްނުން ފެތުރުނަ ނުދިނުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ޝީ ވިދާޅުވިކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

މިގޮތުން، ދީނީ ހަރުކަށި ވިސްނުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ހައްގު ޗައިނާއަށް ލިބިގެންވާކަމަށް ވަލީއަހުދު ވިދާޅުވިކަމަށްވެ އެވެ.

"ޓެރަރިޒަމާއި ދެކޮޅަށް ފިޔަވަޅުތައް އަޅައިގެން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ފުރިހަމަ އިހުތިޔާރު ޗައިނާއަށް ލިބިގެންވޭ،" ވަލީއަހުދާއި ހަވާލާދީ ޗައިނާގެ ދައުލަތުގެ ޓީވީން ބުނެފައިވެ އެވެ.

އެކަމާއި ގުޅިގެން، ގިނަ ބަޔަކު ދަނީ ވަލީއަހުދަށް ފާޑު ކިޔަމުންނެވެ. އަދި އެ ވާހަކަފުޅުތަކުން ދޭހަވަނީ، ޓެރަރިޒަމް ހުއްޓުވުމަށް ކަމަށް ބުނެ ވީގޫރު މުސްލިމުން ކޭމްޕުތަކުގައި ހިފަހައްޓައިގެން އެތަކެއް އަނިޔާއެއް ދެމުންގެންދާ ދިޔުމަށް ސައުދީން ތާއީދުކުރުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

މިދިޔަ ޖެނުއަރީ މަހު ޗައިނާގައި ދިރިއުޅޭ މުސްލިމުން އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާ ގަނޫނެއް ޗައިނާ ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.

ރައިސް ޝީ ޖިންޕިންގެ ސަރުކާރުން ދަނީ ދީނީ ހަރުކަށިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށްކަމަށް ބުނެ، އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހަނި ކުރަމުންނެވެ. މިގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، ރޯދަ ހިފުމާއި، ތުނބުޅި ދިގުކުރުމުގެ އިތުރުން، ނަމާދު ކުރުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާކޮށްފަ އެވެ.