ވިޔަފާރި

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް ލައިނާ ރާއްޖެ އަށް

ކްރޫޒް ޝިޕް އޮޕަރޭޓް ކުރާ ދުނިޔޭގައި އެންމެ ބޮޑު އެއް އެއް ކުންފުނި، އެމްއެސްސީގެ ބިޔަ ކުރޫޒުލައިނާއެއް ރާއްޖެ އަންނަން ތައްޔާރު ވެއްޖެ އެވެ.

އެމްއެސްސީ ކުންފުނީގެ "އެމްއެސްސީ މެގްނިފިސިކާ" ގެ ނަން ދީފައިވާ މި ކްރޫޒްލައިނާ ރާއްޖެ ގެންނަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (މާޔާ) އިންނެވެ. އަދި މި އުޅަނދު ޓޫރިސްޓުންގެ ކަންކަން ބަލަހައްޓާނީ ޓްރެވަލް ކަނެކްޝަން މޯލްޑިވްސްއިންނެވެ. މި އުޅަނދު ރާއްޖެ އަންނަން ޝެޑިއުލްކޮށްފައި ވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ. އަދި މި އުޅަނދު ރާއްޖެއިން ފުރާނީ 11 ވަނަ ދުވަހު އެވެ. މިއީ އެމްއެސްސީގެ އުޅަނދެއް ރާއްޖެ އަންނަ ފުރަތަމަ ފަހަރެވެ.

އެމްއެސްސީ މެގްނިފިސިކާއަކީ ދިގު މިނުގައި 964 ފޫޓު ހުންނަ އަދި ފުޅާ މިނުގައި 106 ފޫޓުގެ އުޅަނދެެކެވެ. މި އުޅަނދުގައި 1200 އަށްވުރެ ގިނަ ކްރޫއިން މަސައްކަތް ކުރާއިރު މި އުޅަނދުން 2500 އަށްވުރެ ގިނަ މީހުން ރާއްޖެ އަންނާނެ އެވެ. މި އުޅަނދުގައި ބޮޑެތި ސިނަމާތަކާއި ސުވިމިން ޕޫލް ފަދަ ވަސީލްތައް ވެސް ހުރެ އެވެ.

ރާއްޖެ އަންނަ އެމްއެސްސީ މެކްނީފިސިއާގެ ވީޑިއޯއެއް

އެމްއެސްސީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރޫޒް ޝިޕް އޮޕަރޭޓް ކުރާ އެއް ކުންފުންޏެވެ. މި ކުންފުނިން ދުއްވާ މެރްވިގްލިއާއަކީ އެންމެ ބިޔަ އެއް ކްރޫޒްޝިޕް އެވެ. އެ އުޅަނދުގައި 19 ބުރި ހުރެ އެވެ. އަދި ދިގު މިނުގައި 1000 ފޫޓު ހުރެ އެވެ.

މާޔާ އިން ބުނެފައިވާ ގޮތުގައި މި އަހަރު 50 ކްރޫޒް ޝިޕް ރާއްޖެ އަންނާނެ އެވެ.