އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ. އެ ބޭފުޅުން މިއަދު ރައީސް ސޯލިހާ ބައްދަލު ކުރެއްވީ ރައީސް އޮފީހުގަ އެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ބޭފުޅުން ރައީސް ސޯލިހުގެ އެޕޮއިންޓްމެންޓަކަށް އެދުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ބައްދަލުވުމަކީ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ރައީސް ސޯލިހާ ބައްދަލުކުރުމަށް އެމަނިކުފާނުގެ ޕާޓީ އިސް ބޭފުޅުންގެ އަރިހުން އެދިވަޑައިގެންފައިވާތީ ކުރެއްވި ބައްދަލުވުމެކެވެ.
ބައްދަލުވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއިރު، އެ ބައްދަލުވުމުގައި ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވިދާޅުވެ ރައީސް ސޯލިހުގެ ސަމާލު ކަމަށް އެކަން ގެންނެވި އެވެ. އިދިކޮޅު ބޭފުޅުންގެ ހުރިހާ ވާހަކަތަކެއް ރައީސް ސޯލިހު އަޑު އެއްސެވި ކަމަށް އެނގިފައިވެ އެވެ. އަދި ހައްލުކޮށް ދެއްވަން ހުރި ކަންބޮޑުވުމެއް ވިއްޔާ ހައްލުކޮށް ދެއްވާނެ ކަމަަށް ވިދާޅުވެފައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މަނީ ލޯންޑްރިން މައްސަލާގެ ޝަރީއަތް ނިމެންދެންނެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމަށް އިދިކޮޅު ބޭފުޅުން ވަނީ ރައީސް ސޯލިހު، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބައްދަލުވުމުގައި ދެކެވުނު އެއްވެސް ވާހަކައެއް ތަފްސީލް އަދި ހާމައެއް ނުކުރައްވަ އެވެ.