ނެއްލައިދޫ

ނެއްލައިދޫ: އެހީތެރިންގެ ރަށެއް!

އާބާދީގެ ގޮތުން ބޮޑު ރަށެއް ނޫނެވެ. އުޅެނީ ތޭރަ ސަތޭކައެއްހާ މީހުނެވެ. އެކަމަކު، އެއީ ތަނަވަސް ހިޔާލުގެ ބައެކެވެ. ދީލަތި ބައެކެވެ. އެއީ އުތުރުގެ ހދ. ނެއްލައިދޫ އެވެ.

ސޯޝަލް މީޑިއާ އާއި އެފަދަ އެހެން ޕްލެޓްފޯމްތަކުގައި ނެއްލައިދޫ ފެންނަނީ ކޮންމެސް ހިތްދަތި ކަމެއްގައި ބައިވެރިވެ އެންމެ ފުރަތަމަ އެ ފަރާތަކަށް އެހީ ފޯރުކޮށްދޭ ރަށުގެ ގޮތުގަ އެވެ. އެއީ ބޭސްފަރުވާއަކަށް ވިޔަސް ގައުމަކަށް ކުރިމަތިވާ ހިތްދަތި ކަމަކާ ގުޅިގެން ވިޔަސް އެންމެ ކުރީގައި އޮންނަނީ މި ކުޑަ ކުޑަ ނެއްލައިދޫ އެވެ. އަދި އެފަދަ އެހީއެއް ހޯދައި އެ ރަށުގެ ރައްޔިތުން ޖަމާ ކުރަނީ ބުރަ އަދި ހީވަގި މަސައްކަތުންނެވެ.

"މި ރަށުގައި އެހެން ރަށްރަށާ ހިލާފަށް ރައްޔިތުން ދީނީ ކަންކަމަށް ހޭލުންތެރި، މީހުންނަށް އެހީވުމަށް ނޫނެކޭ ނުބުނާ ބައެއް،" ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިލްހާމް ވިދާޅުވި އެވެ.

ޖަންބަލް ސޭލްތަކާއި ހެދިކާ ވިއްކައިގެން އެ ރަށުގެ ރައްޔިތުން ނުކުމެ، ރޮހިންޔާ ފަންޑަށް ވެސް ބޮޑު އަދަދަކުން އެހީވި އެވެ. ބޭސް ފަރުވާގެ އެހީއަށް އެދުނު އެތައް ފަރާތަކަށް ވެސް އެ ރަށުން އެހީވެދީފައި ވެއެވެ. އެއީ ވެސް ބޮޑެތި އަދަދުތަކުނެވެ. ޔަމަން ފަންޑަށް އެކަނި ވެސް 52،000 ރުފިޔާ އެއްކުރި އެވެ. އެއީ މަސައްކަތު ދުވަސް ބާއްވައިގެންނާއި ލަނޑާ ނައިގެންނެވެ.

ލަނޑާ ނެގުމަކީ ގިނަ އަދަދެއްގެ ފައިސާ ވަންނަ މަސައްކަތެކެވެ. ނެއްލައިދޫ ރައްޔިތުންގެ އެންމެ ބޮޑު އެހީއެއް އންނަނީ ލަނޑާ ނަގައިގެނެވެ. ލަނޑާއަށް ދަނީ ރަށުގައި ވަޒީފާގައި އުޅޭ މީހުން އެ މީހެއްގެ ރަސްމީ މަސައްކަތުޔގެ ޑިއުޓީ ނިންމާލުމަށްފަހު އެވެ.

މިކަމަށް އެ ރަށު 60 އެއްހާ މީހުން ނުކުމެ އެވެ. ޑިންގީގައި ނުކުމެ ކުރާ މި މަސައްކަތުން މަހަކު މީހަކަށް 12،000 އާއި 15،000 ދެމެދުގެ އާމްދަނީއެއް ލިބެ އެވެ. އެ އާމްދަނީ އެއްކައިރިކޮށް ކަން ކަމަށް އެހީވުމަށް ފައިސާ ހޯދަން ވެސް ވަރަށް ގިނައިން ލަނޑައަށް ދެ އެވެ. އެއިން ލިބޭ ފައިސާ ބޭނުން ޖެހިފައިވާ ކޮންމެވެސް ފަރާތަކަށް ހަދިޔާ ކުރަނީ އެވެ.

ނެއްލައިދޫގައި އަންހެންވެރިން މަދު ހޮވައިގެން ވެސް އާމްދަނީ ހޯދ އެވެ. ރަށުގެ އިޖުތިމާއީ ކަންކަން ވެސް ކުރަނީ ރައްޔިތުން އެއްކުރާ އެ ފައިސާއިންނެވެ. އެގޮތުން ތަރާވީސް ނަމާދު ކުރަން ބޭރުން އިމާމުން އެ ރަށަށް ގެންނަން ވެސް ފައިސާ އެއްކުރެ އެވެ. އަތޮޅު ޤުރުއާން މުބާރަތަށް ދަނީ ވެސް އެހެނެވެ.

ހދ. އަތޮޅު ދެވަނައަށް ކަރަންޓު ދިން ރަށަކީ ވެސް އެއީ އެވެ. އެކަން ކުރީ ވެސް ރަށު ރައްޔިތުން ފައިސާ އެއްކޮށްގެންނެވެ. އެއީ އެ ރަށުގެ އިޖުތިމާއީ ގުޅުމުގެ ވަރުގަދަ މިސާލެކެވެ.

"އެހީއަކަށް ބޭނުންވެފައި ހުރި މީހަކަށް ކިތަންމެ ކުޑަ ކަމެއް ވިޔަސް އެހީވުން މި ރަށުގެ ރައްޔިތުން ބޭނުންވޭ، ހާއްސަކޮށް ޒުވާނުން އިސްނަގާނެ، އާންމު ރައްޔިތުން ވަރަށް ސަޕޯޓިވް، އެންމެ ރުފިޔާއެއް ވިޔަސް ދޭން އެމީހުން ތިބެނީ ރެޑީގައި،" ނެއްލައިދޫ ހަސަން ރިޝާދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބޮޑެތި އަދަދުން އެ ރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވެނީ އިންސާނިއްޔަތަށް ލޯބި ހުންނަ ބަޔަކު އެ ރަށުގައި އުޅޭތީ އެވެ. ނިކަމެތި މީހާ އެހީވުމަށް އެރަށް ފަސް ނުޖެހޭނެ އެވެ. ފައިސާ ނުދެވޭނަމަ މަސައްކަތަށް ނުކުމެގެން ވިޔަސް އެހީތެރިވެދޭނެ އެވެ.

ރަށުގެ ރައްޔިތުންގެ ޝައުގާއި އެއްބާރުލުމަށް ބަލާފައި އެ ރަށު ކައުންސިލުން ވަނީ އިންޓަނޭޝަލް އެއިޑް ކެމްޕެއިން ޖަމިއްޔާއާ އަތާ އަތް ގުޅާލާފަ އެވެ. އެ ޖަމިއްޔާއިން އެހީ ހޯދާ ކޮންމެ ކަމަކަށް ނެއްލައިދޫ ރައްޔިތުން އެހީވެދެ އެވެ. އެ ކައުންސިލުން ޒުވާނުންނަށް ބާރު އަޅަނީ ވެސް ކުރިއަށް އޮތް ތަނުގައި ވެސް އެހީވުމުގައި ނަމޫނާއަކަށް ނެއްލައިދޫ ވުމަށް ކަމަށް ނައިބު ރައީސް ވިދާޅިވެ އެވެ.